އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން، ލައިވްކޮށް ދެއްކޭ ގޮތަށް ބާއްވަން ކްރިމިނަލް ކޯޓުގައި އަދީބު އެދިވަޑައިގެންފި އެވެ.
އަދީބުގެ ވަކީލް މަހްފޫޒް ސައީދު "މިހާރު" އަށް ވިދާޅުވީ ޝަރީއަތް އާއްމުކޮށް ހުޅުވާލަން އަދީބު އެދިވަޑައިގަތީ، އެ މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށެވެ. އަދީބު ބޭނުންފުޅުވަނީ ވީހާ ވެސް ހާމާކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތް ލައިވްކޮށްދޭން އަދީބު އެދިވަޑައިގަތް އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
ސަރުކާރުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކޮށް ހިންގި މި ޚިޔާނާތް 3 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި މައްސަލައިގައި ފުލުހުންނާއި އޭސީސީ އަދި ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ހަތް ދައުވާއެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލާފައިވެ އެވެ.
މި ޚިޔާނާތް އަލުން ތަހުގީގު ކުރަމުން އަންނަ އިރު، އެމްއެމްޕީއާރުސީ ފައިސާ އިން މަންފާ ލިބުނު މީހުން އަދީބު ވަނީ ފުލުހުންގެ ތަހުގީގަށް ކިޔައި ދެއްވައިފަ އެވެ. އޭގެތެރޭގައި، ސަރުކާރާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަން ފާހަގަކުރައްވައި، ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މި ހަފުތާގައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރައްވައިފަ އެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް:
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ
- މަނީ ލޯންޑަރިންގެ 2 ދައުވާ
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް
އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ކޯޓުތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ.
ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އިން މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް ދައުވާ އުފުލީ، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި 1 މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.