ރ. ފުއްގިރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމިޔަސް، އެ ހެކި ބަލައިގަތުމާ މެދު ޝަރީއަތުގެ މަރުހަލާގައި އަލުން ގޮތް ނިންމޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރެ އެވެ.
އެ މައްސަލާގައި އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ސަން ކުންފުންޏާއި ކްރިކްގެ ރިޒާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލަ އިސްތިއުނާފްކުރީ ކްރިކް ރިޒާގެ ފަރާތުންނެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިބްތިދާއި މަރުހަލާގައި ހެކި ބަލައިނުގަތުމަށް ހުށަހަޅައިފިނަމަ ކޯޓުން އަމަލު ކުރަންޖެހޭ ގޮތަކީ އެކަންކަމަށް މަތިމަތިން ނަޒަރު ކުރުމަށް ފަހު އެ ހެއްކަކީ ގުޅުންހުރި ހެއްކެއް ކަމަށްވާނަމަ، ޝަރީއަތުގެ މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުން ކަމަށެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ނިންމި އެވެ.
އަދީބާއި ޒިޔަތުގެ ތަހުގީގަށް ދިން ބަޔާނުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިން ދޭން ނުޖެހޭނެ ކަމަށް ނިންމި ނިންމުން ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. އެ ނިންމުން ވެސް ބާތިލް ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ނިންމި އެވެ.
ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ބުނެ އެ ނުކުތާ ވެސް ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެ ދައުވާ ކުރަން ހުރަހެއް ނެތް ކަމަށެވެ.
ސަންގެ ދެ ކުންފުނީގެ ފަރާތުން އިސްތިއުނާފްކުރީ އެ ކުންފުނީގެ ދިފާއީ ހެކިތައް ސިއްރު ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ ދިފާއީ ހެކިތަކަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ބުންޏަސް އެކަން އެގޮތަށް ދިމާވެދާނެ ސަބަބެއް ސަން ކުންފުނީގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. އަދި އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ފުއްގިރި މައްސަލާގައި ޔާމީންގެ ފަރާތުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.