ދަރިވަރުންގެ ސިއްހަތަށް ސަމާލުކަން ދިނުމަށް "ދުޅަހެޔޮ ހަށިހެޔޮ ދުވަސް"ގެ ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް "ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ފާހަގަކުރާނީ ކުޅިވަރުގައި ފާހަގަކުރެވޭ ދަރިވަރުންނަށް އެވޯޑް ދޭން ބާއްވާ ކަލާސް އެވޯޑް ހަފްލާ އޮންނަ ދުވަހު އެވެ.
މި އަހަރުގެ ކަލާސް އެވޯޑް ހަފުލާ އޮންނާނީ މާދަމާ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.
"ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާއަށް ދޭ މުހިއްމުކަން އިތުރުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް މި ދުވަސް ފާހަގަކުރަނީ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރާއިރު، ސަމާލުކަން ދީފައިވަނީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކަމަށެވެ. އެހެންވެ، ދުވަސް ފާހަގަކުރުމަށް ހަމަޖައްސާފައިވަނީ ފަތިސް ނަމާދުންނެވެ. އެ އަށް ފަހު، ދަރިވަރުންނާއި މުވައްޒަފުން އެއް ކިލޯ މީޓަރުގެ ދުވުމެއްގައި ބައިވެރިވާނެެ އެވެ.
މާދަމާ ސްކޫލްތަކުގެ އެސެމްބަލީ ހާއްސަކޮށްފައި ވަނީ ވެސް ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާގެ ތީމަށެވެ. އަދި ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާ ގުޅުން ހުރި ހަރަކާތްތައް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ
އެކިއެކި ކުޅިވަރުގައި ފާހަގަކުރެވޭ ތަރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކްގައި މާދަމާ ހަވީރެއް ކުރިއަށް ގެންދަން ހަމަޖައްސާފައިވެ އެވެ.