ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރުމުގެ މުގުލުގައި ތިއްބެވި މުއްސަނދިންނަށް ފާޑުކިޔުމަކީ ދިވެހިންގެ މެދުގައި އޮތް ގޯސް އާދައެއް ކަމަށާއި އެ ގޮތަށް ކަންތައް ނުކުރުމަށް، މީގެ 49 އަހަރު ކުރިން ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގައި އިސްކޮށް އުޅުއްވި އަދި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ހަފުލާގައި ޓޫރިޒަމް ދާއިރާގެ މޭސްތިރިންގެ ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ރާއްޖޭގައި ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ވެފައިވާ މީހުންނާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، މަހުޖަނުންނަކީ ނުބައި ބައެއް ކަމަށް "ބްރޭންޑް" ކޮށްފައިވާ ކަމަށާއި އޭގެ ބަދަލުގައި އެއީ އިހުތިރާމު ކުރަންޖެހޭ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކާމިޔާބުކަމާއެކު، ވިޔަފާރި ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.
"ގާސިމް ކަހަލަ ބޭފުޅުންނަކީ ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން މީގެ ތެރޭގައި އުޅުއްވި ބޭފުޅުން. އަޅުގަނޑު ހަދާން އެބަހުރި އަޅުގަނޑުމެން ރިސޯޓުތައް ހިންގިއިރު ގާސިމް ތެޔޮ ފޯރުކޮށްދެއްވާނެ. ކަޑި އުނގުޅާފައި ހުރި ރިޔާ ނެގި ދޯންޏެއްގައި ގާސިމް ދަތުރު ކުރައްވާނީ އެއް ރަށުން އަނެއް ރަށަށް ތެޔޮ ފޯރުކޮށްދެއްވަމުން،" ކާމިޔާބު ވިޔަފާރިވެރިަކަށް ވުމަށް ގާސިމް ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން ނަސީމް ވިދާޅުވި އެވެ.
ރިސޯޓު ވިޔަފާރީގެ ކުރިން ގާސިމް އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ތެލުގެ ވިޔަފާރި އެވެ. މިހާރު ހަތަރު ރިސޯޓު ހިންގާ ގާސިމް ޓޫރިޒަމް ދާއިރާގެ ތެރެއަށް ވަދެވަޑައިގަތީ ތެލުގެ ވިޔަފާރިން ހޯއްދެވި ކުރިއެރުމާއެކު އެވެ.
ނަސީމް ވިދާޅުވި ގޮތުގައި، ގާސިމަކީ އަމިއްލަ ބުރަ މަސައްކަތުން ވިޔަފާރީގެ ކާމިޔާބީ ހާސިލް ކުރި ބޭފުޅެކެވެ. އެހެންވެ، އެކަން ދިވެހިން ބަލައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކިތަންމެ ވައްކަމެއް ކުރިޔަސް އޯކޭ. އެކަމަކު އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ އެއްޗަކީ އެއްވެސް އެއްޗެއް ނޫން. މަހުޖަނުން ދުވަހަކު ވެސް ރަނގަޅު ކަމެއް ނުކުރާނެއޭ އެއީ ނުބައި ބަޔެކޭ ބުނެ ބޮޑު ބްރޭންޑެއް ލާފައި އޮތީ،" ރާއްޖޭގެ ޓޫރިޒަމްގެ ބާނީން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ނަސީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިފަދަ ވިޔަފާރިވެރިންނާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ. މަހުޖަނުންނޭ ކިޔައި އެއްޗެހި ނުކިޔާ، އިހުތިރާމު ކުރޭ. ސަޕޯޓު ކުރޭ."
ނަސީމް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ޅަފަތުގައި އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރި އެންމެންނަކީ ވެސް ވަކި އަމާޒެއް ކަނޑައަޅައިގެން ކާމިޔާބީއަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އެއީ ކޮންމެ މީހަކު ވެސް ވަކި އަމާޒަކަށް ވާސިލުވާން ބުރަ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.