ދާރުއްސަލާމް (ޖޫން 25) - ޓެންޒޭނިއާގައި ޖަވާހިރު ނަގާ މީހަކު އެއް ދުވަހުން މިލިއަނަރަކަށް ވެއްޖެ އެވެ.
ޖަވާހިރު ނެގުމުގެ މަސައްކަތުގައި އުޅުނު ސަނިނިއު ލައިޒާ ނެގި، ޖަވާހިރުގެ ތެރޭން އަގުބޮޑު ވައްތަރެއް ކަމަށްވާ ޓެންޒަނައިޓުގެ ދެ ޖަވާހިރަށް އެ ގައުމުގެ މައިނިން މިނިސްޓްރީން ވަނީ 3.4 މިލިއަން ޑޮލަރު ދީފަ އެވެ. އެ ދެ ޖަވާހިރުގެ ބަރުދަނުގައި 15 ކިލޯ ހުއްޓެވެ.
ޓެންޒަނައިޓް އާއްމުކޮށް ނަގަނީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުންނެވެ. އެއީ ދުނިޔޭގައި ވަރަށް މަދުން ފެންނަ ބާވަތެއްގެ ޖަވާހިރެކެވެ. ޓެންޒޭނިއާގެ ޖިއޮލޮޖިސްޓަކު ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވިއްސަކަށް އަހަރު ދުވަހު ތެރޭ އެ ބާވަތުގެ ޖަވާހިރު ދުނިޔޭން ހުސްވެދާނެ އެވެ.
ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ވަނީ ލައިޒާ އަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.
އެއް ދުވަހުން މިލިއަނަރަށްވި އުމުރުން 52 އަހަރުގެ ލައިޒާ ބުނީ އުފާ ފާޅު ކުރުމުގެ ގޮތުން، އޭނާ ގެންގުޅޭ ގެރިތަކުގެ ތެރޭން ގެރިއެއް ކަތިލާނެ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ މަންޔާރާ އަވަށުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުންޏެވެ.
"އަހަރެން ބޭނުންވޭ ޝޮޕިން މޯލަކާއި ސްކޫލެއް އަހަރެން އުޅޭ ސަރަހައްދުގައި އަޅައިދޭން. އަހަރެން އުޅެނީ ވަރަށް ފަގީރު ސަރަހައްދެއްގައި. އެ ހިސާބުގެ މީހުންގެ ދަރިން ސްކޫލަށް ދެވޭނެ ގޮތެއް ވެސް ނޯވޭ،" 30 ކުދިންގެ ބައްޕަ ލައިޒާ ބުންޏެވެ.
ލައިޒާ ބުނީ އޭނާ އަކީ ކިޔައިގެން ހުރި މީހެއް ނޫން ކަމަށާއި އެހެންވެ ބޭނުން ވަނީ އޭނާގެ ދަރިން ކިޔަވައި މޮޅުވާން ކަމަށެވެ.
"މި ލިބުނު މުއްސަނދި ކަމުގައި އަހަރެންގެ ލައިފްސްޓައިލް ބަދަލެއް ނުވާނެ. އަހަރެން އުޅޭނީ އަހަރެން ގެންގުޅޭ 2،000 ގެރި ބެލެހެއްޓުމުގައި. ރޭގަނޑު އަހަރެން އެކަނި ބޭރުގައި އުޅޭކަށް ވެސް ޖެހިލުމެއް ނުވޭ،" ހަތަރު އަނބިން ތިބި ލައިޒާ ބުންޏެވެ.