ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް މިޝަން ފޯ މައިގްރަންޓް ވޯކާޒް (އެމްއެމްޑަބްލިއުއެމް)އިން އުރީދުއާ ގުޅިގެން ބާއްވާ "ކްރިކެޓް ކާނިވަލް" އަށް ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ އެމްއެމްޑަބްލިއު އާ ގުޅިގެން އެ ކުންފުނިން ބާއްވާ ތިން ވަނަ "ކްރިކެޓް ކާނިވަލް" އަންނަ މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ރަޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށާއި، ސޯޝަލް މީޑިއާ އާއި އުރީދޫގެ ވެބްސައިޓު އަދި އެމްއެމްޑަބްލިއުއެމް އަށް އީމެއިލްކޮށްގެން މި ކާނިވަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށް ބުންޏެވެ.

އުރީދޫން ބުނީ މި އަހަރުގެ ކާނިވަލުގައި ވެސް ބިދޭސީންނަށް މެޑިކަލް ސްކްރީނިންގެ ފުރުސަތާއި ގާނޫނީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ކާނިވަލަކީ ކުރީ އަހަރުތަކަށް ވުރެ ފޯރިގަދަ ކާނިވަލަކަށް ހެދުމުުގެ ގޮތުން އާ އެއްޗެހި ލިބޭނެ ސްޓޯލްތައް އިތުރުކޮށް މުނިފޫހިފިލުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ ކަމަށް ބުންޏެވެ. އަދި މި އަހަރުގެ ކާނިވަލުގައި 40 ޓީމަކަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުންޏެވެ.

އެމްއެމްޑަބްލިއުއެމްއިން ބުނި ގޮތުގައި މި ކާނިވަލަކީ އެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީން ބައިވެރިކުރުވުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ އަމާޒަކީ މި ފަދަ މަސައްކަތްތަކުގެ ތެރެއިން މުޖުތަމައުގައި ބައިވެރިވުން އިތުރުކުރުވުން ކަމަށެވެ.

މި އަހަރުގެ މި ކާނިވަލުގައި އާބަންކޯ އާއި މޯލްޑިވްސް ކްރިކެޓް ބޯޑުން ވެސް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ އެވެ.