މަރުވެފައިވާ ޕޮޕް ލަވައިގެ ރަސްގެފާން މައިކަލް ޖެކްސަން އަންހެން ދަރިފުޅު ޕެރިސް ޖެކްސަން ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމަކަށް އޭނާ ސޮއިކުރި އިރު، ޕެރިސް މިހާރު އެކްޓިން އަށް އަލެއް ވެސް ނޫނެވެ. ފޮކްސްގެ ޓީވީ ސިލްސިލާ "ސްޓާޒް" ގައި ޕެރިސް ވަނީ އެކްޓިން ހުނަރު ދައްކާލައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕެރިސް ސޮއި ކުރި ފިލްމަކީ ވަރުގަދަ ކާސްޓެއް ވެސް ހިމެނޭ ކޮމެޑިކް ތުރިލާއެކެވެ. އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ އެމެޒޯން އިން ހަދާ އެއްޗެކެވެ.

ޕެރިސްއާ އެކު މި ފިލްމުގެ ކާސްޓުން ޗާލިޒް ތެރަން، ޑޭވިޑް އޮޔެލޯވޯ، އެމެންޑާ ސީފްރައިޑް، ތަންޑީ ނިއުޓަން، ޝާލްޓޯ ކޮޕްލޭ އަދި ޖޮއެލް އެޑްގާޓަން ހިމެނެ އެވެ.

ޑްރަގް ލީޑަރުންގެ މުށުތެރޭގައި ހައްޔަރުވާ ވިޔަފާވެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ސްކްރިޕްޓް ލިޔެފައި ވަނީ އެންތަނީ ޓަމްކިސް އާއި މެޓް ސްޓޯން އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ އެއް ޕްރޮޑިއުސަރަކީ މީގެ ކާސްޓުންގެ ތެރޭގައި ޗާލީޒް ތެރަން އެވެ.

މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.

އެކަމަކު މިއީ ޕެރިސް، 19، ގެ ފޭނުން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ އެއްޗަކަށް ވާނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ.