ދިވެހިންގެ ތެރޭގައި މަގުބޫލުވެގެން ދިޔަ އަމިއްލަ ރާގުގެ ގިނަ ލަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ގެ ލަވަތައް ކުޅުމުގެ ހުއްދަ ކުޅަދާނަ ބޮޑުބެރު ބޭންޑް ހަބޭސް އަށް ދީފި އެވެ.

އެ ހުއްދަ ދިން ކަމުގެ ލިޔުމުގައި މެޒޯ އާއި ހަބޭސް އިން ވަނީ ސޮއި ވެސްކޮށްފަ އެވެ.

ހަބޭސް ބޮޑުބެރު ބޭންޑްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ މެޒޯގެ ލަވަތައް ކުޅެން ރަސްމީކޮށް ހުއްދަ ލިބުމުން، ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ.

"ޝޯއެއްގެ ތެރޭގައި ދިމާވެގެން މެެޒޯއާ ދެކެވުނު ވާހަތަކެއްގެ ތެރެއިން އަސްލު މި ފުރުސަތު ހަބޭސް އަށް ތަނަވަސްވީ. ދެތިން އަހަރެއްވެއްޖެ މިކަމާ އަހަރެމެން އުޅޭތާ،" އޭނާ ބުންޏެވެ. "ވަރަށް އުފާވި މެޒޯ މޯޑް އެ ފުރުސަތު ހަބޭހަށް ތަނަވަސްކޮށް ދިނީތީ. އެހެންވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ވެސް ބޭނުން."

އައްޔަ ބުނީ މެޒޯ މޯޑްގެ އަމިއްލަ ރާގުގެ ލަވަތައް ވަރަށް ޗާލު ކަމަށާއި އެ ލަވަތަކުގެ ރީތިކަން އެ ގޮތުގައި ގެނެސް ދޭން ހަބޭސް ބޮޑުބެރު ބޭންޑާއި އެ ކުޑައިގެ ދަށުން ހިންގާ އެހެން ބޭންޑްތަކުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

"އަހަރެމެންގެ ހުރިހާ ބޭންޑްތަކަށް މެޒޯ މޯޑްގެ ލަވަތަކަށް މިހާރު ޕަފޯމް ކުރެވޭނެ،" އޭނާ ބުންޏެވެ. "މިއީ އަސްލު އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކެނީ."

ހަބޭސް ކުޑައިގެ ދަށުން ގްރެވިޓީ ބައި ހަބޭސް، ހަބޭސް ޕޮޕް އަދި ހަބޭސް ފިއުޝަންގެ ނަމުގައި ބޭންޑްތައް ހިންގަ އެވެ.