މެކްސިކޯގެ އަސްކަރިއްޔާއިން އެ ގައުމުގެ އެންމެ ނުރައްކާތެރި އެއް ޑްރަގް ކާޓެލް، ޖަލިސްކޯ ނިއު ޖެނެރޭޝަންގެ ލީޑަރު ނެމެސިއޯ އޮސެގުއޭރާ މަރާލި އޮޕަރޭޝަނުގައި އޭނާ ހޯދީ ލޯބިވެރިޔަކަށް ފާރަލަމުން ގޮސް ކަމަށް އަސްކަރިއްޔާއިން ބުނެފި އެވެ.
އެލް މެންޗޯގެ ނަމުން މަޝްހޫރު އޮސެގުއޭރާ، 59، އަށް މެކްސިކޯގެ ހުޅަނގު މެކްސިކޯގެ ޓަޕަލްޕާގެ ވިލެޖެއްގައި އާދީއްތާ ދުވަހު ހަމަލާ ދިނުމުން ޒަހަމްވުމަށް ފަހު މަރުވީ ހޮސްޕިޓަލަށް ހެލިކޮޕްޓަރުގައި ގެންދިޔަ މަގުމަތީގަ އެވެ.
މި އޮޕަރޭޝަން ފެށީ އެމެރިކާގެ ނޮދަން ކޮމާންޑްގެ އެހީތެރިކަމާ އެކު، މެކްސިކޯގެ އަސްކަރީ އިންޓެލިޖެންސް އެޖެންޓުންނަށް ލިބުނު މައުލޫމާތެއްގައި، ޖަލިސްކޯ ސްޓޭޓްގެ ވެރިރަށް ގުއަޑަލަޖާރާއާ 130 ކިލޯމީޓަރު ދުރުގައި އޮންނަ ޓަޕަލްޕާގައި އަންހެނަކު އެލް މެންޗޯއާ ބައްދަލު ކުރަން އުޅޭކަން އެނގުމުންނެވެ.
މެކްސިކޯގެ ޑިފެންސް ސެކްރެޓަރީ ރިކާޑޯ ޓްރެވިލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެލް މެންޗޯގެ "ރޮމޭންޓިކް ޕާޓްނަރުން" ގެ ތެރޭގައި ހިމެނޭ އެ އަންހެން މީހާ ޓަޕަލްޕާގެ ގެއަކަށް ގެންދިޔައީ އެލް މެންޗޯ އިތުބާރުކުރާ މީހަކާ އެކުގައި ކަމަށެވެ.
ޓްރެވިލާ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު އެލް މެންޗޯއާ ބައްދަލު ކުރުމަށްފަހު އަންހެން މީހާ އެ ގެއިން ދިޔައިރު ސެކިއުރިޓީ ޓީމާ އެކު އެލް މެންޗޯ ގޭގައި މަޑުކުރި ކަމަށެވެ.
ނޭޝަނަލް ގާޑުގެ ސްޕެޝަލް އިމިޑިއޭޓް ރިއެކްޝަން ފޯސް އިން މި އޮޕަރޭޝަން އެ ހިސާބުން ކުރިއަށް ގެންދާނެ ގޮތް ރާވައި އެއްގަމާއި ވައިގެ މަގުން ހަމަލާ ދޭން ނިންމި އެވެ.
ޓްރެވިލާ ވިދާޅުވީ ސިފައިން ޖަލިސްކޯ އަށް ނުވަދެ އެ ސަރަހައްދާ ކައިރި ހިސާބެއްގައި ތައްޔާރުވަމުން ދިޔަ ކަމަށާއި އެއީ "އެލެމަންޓް އޮފް ސަޕްރައިޒް" ހިފެހެއްޓުމަށް ކަމަށެވެ.
ރާވައިގެން ބޮޑެތި ޖަރީމާތައް ހިންގުމާއި ހަތިޔާރު ގެންގުޅުމުގެ ބޮޑެތި ތުހުމަތުތައް އޮތް އެލް މެންޗޯ އެ ގޭގައި ހުރިކަން އިތުރަށް ކަށަވަރުކުރުމާ އެކު ސިފައިން އެ ގެ ރެއިޑްކުރުމަށް ނިންމައި ހަމަލާ ފެށީ އެވެ.
ވަރަށް ބޮޑު ކުރިމަތިލުމެއް
"ހަގީގަތަށް ބުނަންޏާ ވަރަށް ނުރައްކާތެރި ބޮޑު ކުރިމަތިލެއް،" ޓްރެވިލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލް މެންޗޯ އަތުލައިގަތް އިރު ވެސް އޭނާގެ އަތުގައި ހަތިޔާރު ހުރި ކަމަށާއި އޭގެ ތެރޭގައި އެސޯލްޓް ވެޕަން އާއި ރޮކެޓް ލޯންޗާ ވެސް ހިމެނޭ ކަމަށެވެ.
ކާޓެލް ހިންގާ ސިޓީގެ ސަލާމަތީ ބާރުތަކަށް ނުހިފެހެއްޓޭ ވަރުގެ ސެކިއުޓީ ޓީމެއް އެލް މެންޗޯ ގެންގުޅޭ ކަމަށް މަޝްހޫރުވެފައި އޮންނައިރު ރެއިޑްގައި އަތުލައިގަތް ބާވަތުގެ ހަތިޔާރު މީގެ ކުރިން އެ ގޭންގުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ބޭނުންކޮށްފައިވެ އެވެ.
އެލް މެންޗޯ ހައްޔަރުކުރަން ހިންގި އޮޕަރޭޝަނެއް ފެއިލްކޮށްލުމުގައި 2015 ވަނަ އަހަރު ވަނީ ރޮކެޓް ލޯންޗާއިން ހަމަލާދީ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލައިފަ އެވެ.
އެކަމަކު އާދީއްތަ ދުވަހު އެލް މެންޗޯއަށް އެ ފުރުސަތެއް ނުލިބުނެވެ. ހަމަލާދޭން ފެށުމާ އެކު އެލް މެންޗޯ އާއި އޭނާގެ ސެކިއުރިޓީން ފިލަން ޖަންގަލީގެ ބޯ ގަސްތަކުގެ ތެރެއަށް ވަނެވެ. އެކަމަކު ސިފައިން އެ މީހުން ވަށާލައި އެލް މެންޗޯ ހޯދައި ހަމަލާ ދެމުން ދިޔަ އެވެ. އެ ވަގުތު ޑްރަގް ލޯޑުގެ ސެކިއުރިޓީން އަސްކަރީ ހެލިކޮޕްޓަރަކަށް ހަމަލާ ދިނުމުން އިމަޖެންސީގައި ޖައްސަން ވެސް ޖެހުނެވެ.
ހަމަލާތަކުގައި ސިފައިން ވަނީ އެލް މެންޗޯ އާއި އޭނާގެ އެންމެ ގާތް ދެ ސެކިއުރިޓީން ވެސް ޒަހަމްކޮށްލައިފަ އެވެ.
ޓްރެވިލާ ވިދާޅުވީ އެ ތިން މީހުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މަރުވީ ކަމަށެވެ.
މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ޕްރޮސިކިއުޓަ ޖެނެރަލްއާ ހަވާލުކޮށްފަ އެވެ. އަދި ތަހުގީގަށް ފަހު އާއިލާތަކާ ހަށިތައް ހަވާލުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ސިފައިންގެ ހަމަލާތަކުގައި ވަނީ އެލް މެންޗޯގެ އެންމެ ގާތް މީހާ ކަމަށްވާ "އެލް ޓޫލީ" ގެ ނަމުން މަޝްހޫރުވެފައިވާ ހޫގޯ އެޗް ވެސް މަރުވެފަ އެވެ. އެކަމަކު އޭނާގެ މަރާލީ އެލް މެންޗޯގެ މަރުގެ ބަދަލުހިފުމަށް މަގުތައް ބަންދުކޮށް ތަންތަނުގައި ހުޅުޖަހައި ބޮޑެތި ހަމަނުޖެހުން ހިންގުމަށް އިރުޝާދު ދެމުން ދަނިކޮށް ޖަލިސްކޯގެ އެހެން ރަށެއް ކަމަށް އެލް ގްރޫލޯ އިންނެވެ.
"އޭނާ ދިޔައީ މަރާލި ކޮންމެ ސިފައިންގެ މީހަކަށް 20،000 ޕޭސޯ (1،150 ޑޮލަރު) ދޭނެ ކަމަށް ބުނަމުން،" ޓްރެވިލާ ވިދާޅުވި އެވެ.
އެލް މެންޗޯހެން "އެލް ޓޫލީ" ވެސް މަރުވީ ފިލަން އުޅުމުގެ ތެރޭގަ އެވެ. ޓްރެވިލާ ވިދާޅުވި ގޮތުގައި އެލް ޓޫލީ މަރުވިއިރު އަތުގައި ހުރި ހަތިޔާރުގެ އަގު 1.4 މިލިއަން ޑޮލަރަށް އަރަ އެވެ.
އެލް މެންޗޯގެ މަރާ ގުޅިގެން މެކްސިކޯގެ 32 ސްޓޭޓްގެ ތެރެއިން 20 ސްޓޭޓެއްގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން 10،000 އަށް ވުރެ ގިނަ ސިފައިން ނެރެ އިއްޔެ ވަނީ ގިނަ ސަރަހައްދުތައް ހަމަޔަކަށް އަޅުވައިފަ އެވެ. -- އޭއެފްޕީ