މިދިޔަ އަހަރު ނިމިގެން ދިޔަ އިރު، ހޮލީވުޑްގައި އެންމެ ގަދައަށް އޮތީ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެވެ. ނުފޫޒު ގަދަ ބައެއް ޕްރޮޑިއުސަރުންނާއިި ޑައިރެކްޓަރުންނާއި އެކްޓަރުންގެ ފަރާތުން، ހާއްސަކޮށް އަންހެން ފަންނާނުންނަށް އެކި ދުވަސްވަރު، އެކި ހާލަތްތަކުގައި ކުރިމަތިލާން ޖެހުނު ޖިންސީ ގޯނާތަކުގެ ވާހަކަ އެވެ.

މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވެއިންސްޓީންގެ ފަތާރުން އެކި މީހުންނަށް ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ފަޅައިގެން ދިޔަ ގޮތަށް އެތައް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވި، ބައެއް މައްސަލަތައް މިހާރު އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ. ބައެއް މައްސަލަތައް ކޯޓުގަ އެވެ.

އާ އަހަރަކާ ކުރިމަތިލި އިރު، ކުރިއަށް އޮތް އެންމެ ބޮޑު އިވެންޓަކީ 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް އެވެ. ހޮލީވުޑްގެ ހުރިހާ ފަންނާނުންހެން އެއްތަނަކަށް ޖަމާވާނެ އެވޯޑް ހަފުލާ އޮންނާނީ މިއަދު އެވެ.

ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މަޝްހޫރު ބައެއް އަންހެން ތަރިން ވަނީ އެވޯޑް ހަފުލާގައި އެ މީހުން ބޭނުންކުރާނީ މުޅިން ވެސް ކަޅު ހެދުންކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި އެވޯޑަށް ނޮމިނޭޓްވެފައިވާ މެރީލް ސްޓްރީޕާއި ކޭޓް ބްލެންޝެޓާއި އެމާ ސްޓޯން ފަދަ ތަރިން ހިމެނެ އެވެ. މި ތަރިންގެ އިސްނެގުމާ އެކު، އެވޯޑް ހަފުލާގައި ބައިވެރިވާނެ ކަމަށް ބެލެވޭ ގިނަ އަންހެން ފަންނާނުންހެން މިހާރު ވަނީ ކަޅު ހެދުމުގައި ދާނެކަން އިއުލާންކޮށްފަ އެވެ. އެކަމަށް ހާއްސަކޮށް "ޓައިމްސް އަޕް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފަ އެވެ.

މީގެ މައިގަނޑު ބޭނުމަކީ ފުރައްސާރަތަކާ ދެކޮޅުކަން ދެއްކުމެވެ.

ޑްވޭން ޖޯންސަން: އެވޯޑް ހަފުލާ އަށް ދާނީ ކަޅު ހެދުމުގައި.
ޑްވޭން ޖޯންސަން: އެވޯޑް ހަފުލާ އަށް ދާނީ ކަޅު ހެދުމުގައި.

އަންހެން ފަންނާނުންގެ މި ނިންމުމާ އެކު ވަރަށް ގިނަ ފިރިހެން ފަންނާނުން ވެސް މިހާރު ވަނީ ކަޅު ހެދުމުގައި އެވޯޑް ހަފުލާ އަށް ދާން ނިންމައިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓަރު ޑްވޭން "ދަ ރޮކް" ޖޯންސަން އާއި ޓޮމް ހިޑެލްސްޓަން، ޖެރެޓް ހެޑްލަންޑް އަދި އާމީ ހާމާ ފަދަ ތަރިން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު މުޅި ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ ފެންނާނީ ކަޅުކޮށެވެ.

"މިހާރު ވެސް ކަށަވަރުވެފައިވާ ގޮތުގައި ވަރަށް ގިނަ އަންހެން ފަންނާނުން އެވޯޑް ހަފުލާގައި ބައިވެރި ވާނީ ކަޅު ހެދުމުގައި،" ޕީޕަލް އިން ބުންޏެވެ.