މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ. 

އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ގްރައުންޑް ފްލޯގައި ހަދާ މީޑިއާ ވިލެޖުގެ މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައް ނުވަތަ ފިނިޝިން ކަމަށެވެ. އަދި އަމާޒަކީ، މީޑިއާ ވިލެޖްގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ފިނިޝިންގެ މަސައްކަތްތައް ކުރިއަށް ދަނީ.-- ފޮޓޯ: އެޗްޑީސީ
މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ފިނިޝިންގެ މަސައްކަތްތައް ކުރިއަށް ދަނީ.-- ފޮޓޯ: އެޗްޑީސީ

އަމިއްލަ މީޑިއާތަކަށް އޮފީހާއި ސްޓޫޑިއޯ ހިންގުމަށް ބޭނުންވާ ޖާގަ ދިނުމަށް ހަދާ މީޑިއާ ވިލެޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޮފީހާއި ސްޓޫޑިއޯ ހިންގުމަށް އަމިއްލަ މީޑިއާތަކަށް ހާއްސަކޮށްގެން ހަދާ މި މީޑިއާ ވިލެޖުން 34 ޖާގައެއް ކުޑަ އަގެއްގައި ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވެ އެވެ. 

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިދިޔަ ފެބްރުއަރި މަހު ވިދާޅުވެފައިވާ ގޮތުގައި، މީޑިއާތައް ހިންގުމަށް ބޮޑު އަގުގައި އަމިއްލަ މީހުންގެ އިމާރާތްތައް ކުއްޔަށް ނަގަން ވަނީ މަޖުބޫރުވެފަ އެވެ. މީޑިއާ ވިލެޖާ އެކު، ކުޑަ އަގެއްގައި އޮފީހާއި ސްޓޫޑިއޯ ހިންގަން ޖާގަ ލިބި، އަމިއްލަ މީޑިއާތައް ކުރިއެރުވުމަށް މަގުފަހިވާނެ އެވެ. 

މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގައި މީޑިއާތަކަށް ދޫކުރާ ޖާގަ ހުންނަގޮތް.-- ފޮޓޯ: އެޗްޑީސީ
މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގައި މީޑިއާތަކަށް ދޫކުރާ ޖާގަ ހުންނަގޮތް.-- ފޮޓޯ: އެޗްޑީސީ

އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ. އެތަން ހަވާލުކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ އެވެ. 

އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖުގެ އިތުރުން ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހިންގާނެ ކަމަށާއި އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސްދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ. 

މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގައި މީޑިއާތަކަށް ދޫކުރާ ޖާގަތައް ހުންނަ ސަރަހައްދު: އެތަނުން 34 ޖާގައެއް އަމިއްލަ މީޑިއާތަކަށް ކުއްޔަށް ދޭނެ.-- ފޮޓޯ: އެޗްޑީސީ
މީޑިއާ ވިލެޖު ހަދާ "މެންހަޓަން ގްރޭންޑް ހޮޓެލް"ގައި މީޑިއާތަކަށް ދޫކުރާ ޖާގަތައް ހުންނަ ސަރަހައްދު: އެތަނުން 34 ޖާގައެއް އަމިއްލަ މީޑިއާތަކަށް ކުއްޔަށް ދޭނެ.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދާނެ އެވެ. 

"މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން ހިންގާނެ އެ ހޮޓަލަކީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ ވެސް އެކުގައި ހިންގާނެ ތަނެކެވެ. އެ މަޝްރޫއަށް އިންވެސްޓުކޮށްފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.