ރާއްޖެއިން ނައްތާލާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ހިމަބިއްސަށް މި އަހަރުގެ މިހާތަނަށް 140 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީން ބުނީ މިދިޔަ ހަފުތާގައި އެކަނި ވެސް 23 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާ އެކު، އެ ބައްޔަށް މި އަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު 144 އަށް އެރީ އެވެ.
އޭގެ ކުރީ ހަފުތާގައި އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 55 މީހަކަށެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ވަނީ ފަށައިފަ އެވެ. މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ރާއްޖެއިން އެ ބަލި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި މި ބަލި އިތުރުވާން ފެށުމުންނެވެ.
ހިމަބިހިން ރައްކާތެރިވުމަށް
- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.
- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
- ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން