އެމްޑީޕީގެ ދަފުތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވޯޓު ނުދޭނެ ކަމަށް ހީވާ މެމްބަރުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ދަފްތަރު މިފަހުން އިސްލާހުކުރުމާ ގުޅިގެން ނަޝީދު ވަނީ އެކަމާ ގުޅުވައިގެން މީގެ ކުރިން ވެސް ސުވާލު އުފައްދަވައިފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ދަފްތަރު އޮތީ ގަޑުބަޑުކޮށްފަ އެވެ.

މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބެލެވޭ "އަސްލު އެމްޑީޕީ މެންބަރުން" ކަމަށެވެ.

"އެމްޑީޕީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބާއްވާ ޕާޓީއެއް. އެކަން ކުރެވޭނީ ކުރިން އިއުލާންކޮށްފައި އޮތް ވޯޓު ލެވޭ މީހުންގެ ލިސްޓު އޮވެގެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިޔަސް، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެފައި ވަނީ އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން، އެމްޑީޕީން ބަލަހައްޓާ އެ ޕާޓީގެ ދަފްތަރުގައި އޮތް ކަމަށާއި ދަފްތަރު ސައްހަކުރަން ޖެހުނީ އީސީގެ ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ 17،000 އަށް ވުރެން ގިނަ މީހުން އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ބަލާތީ ކަމަށެވެ.

މި ތުހުމަތާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ވެސް ބުނެފައި ވަނީ ދަފްތަރު ސައްހަކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ. ދަފްތަރު މިހާރު އޮތީ، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް ވެސް ޕާޓީން ބުންޏެވެ.

ޕާޓީގެ ދަފްތަރާ ގުޅޭ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެހެން ޕާޓީތަކުގެ މެމްބަރުން ދަފްތަރުގައި ތިބުމަކީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެކަން ޕާޓީގެ އަސާސީ ގަވާއިދާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު، ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެންނަށް ފުރުސަތު ހުޅުވިފަ އެވެ.