ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަށް ފިޔަވަޅު އަޅާފައި ވަނީ އަދި ކޮމިޓީ ބާއްވާފައި ވަނީ ވެސް އެމްޑީޕީގެ އަސާސީ ގަވައިދާ އެއްގޮތަކަށް ކަމަށް ބުނެ އެ ނިންމުން ޕާޓީން ދިފާއުކޮށްފި އެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރަށް ފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ނިންމައިފަ އެވެ. އަދި ވިޕާ ޚިލާފުވި ހަތަރު މެމްބަރުން ޕާޓީން ވަކިކުރުމުގެ ފަހު އިންޒާރު ދީފަ އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ބޭއްވީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް ބުނެ ނަޝީދު ފެކްޝަނުން ވަނީ އެ ނިންމުން ގަބޫލު ކުރަން ދެކޮޅު ހަދައިފަ އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ޗެއާއަކީ، ގަވައިދުގައިވާ ގޮތުން ޕާޓީގެ ނައިބު ރައީސެވެ. މިވަގުތު އެ މަގާމުގައި ހުންނެވި ނައިބު ރައީސް މުހައްމަދު ޝިފާޒަށް ކޮމިޓީ ބޭއްވިކަން އަންގާފައި ނުވާ ކަމަށާއި ކޮމިޓީ ބޭއްވީ ސިއްރުން ކަމަށް އާޒިމް ވެސް ތުހުމަތު ކުރައްވަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީ އާއި މަޖިލީހުގައި ވެސް އަމަލު ކުރާ އުސޫލުން މުގައްރިރު ހާޒިރު ނުވާ ނަމަ ނައިބު މުގައްރިރަށް ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެ ކަމަށާއި އާޒިމަށް ފިޔަވަޅު އެޅި ބައްދަލުވުން ވެސް ކުރިޔަށް ގެންދިޔައީ އެ ގޮތަށް ކަމަށް އިބުރޭ ވިދާޅުވި އެވެ.

"އެންމެ މީހަކަށްޓަކައި މުޅި ކޮމިޓީ ހުއްޓުވާފައެއް ނުބޭއްވޭނެ. މުގައްރިރު ހާޒިރު ނުވާނަމަ ނައިބު މުގައްރިރަށް ބައްދަލުވުންތައް ކުރިޔަށް ގެންދެވޭ،" އޭނާ ވިދާޅުވި އެވެ.

އާޒިމް މައްސަލައިގެ ލިޔެކިޔުންތައް ފިޔަވަޅު އަޅާ ކޮމިޓީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވާފައިވާ ކަމަށާއި ކޮމިޓީ ބާއްވައި ދިނުމަށް އެދިފައިވާ މެސެޖުތައް ޝިފާޒް ބެއްލެވި ކަމަށް އިބުރޭ ވިދާޅުވި އެވެ.

ނަމަވެސް ޗެއާޕާސަންގެ އިންތިހާބަށް ފަހު ބޭއްވި އެއްވެސް ބައްދަލުވުމަކަށް ޝިފާޒް ހާޒިރުވެފައި ނުވާ ކަމަށް އިބުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީން އެޅި ފިޔަވަޅާ މެދު ހިތްހަމަނުޖެހުން އޮތް ނަމަ، އެ ނިންމުން އިސްތިއުނާފް ކުރެވޭނެ އެވެ. އެ މުއްދަތު އާޒިމަށް ވެސް އޮތް ކަން އިބުރޭ ފާހަގަކުރެއްވި އެވެ.

އާޒިމް ވަނީ އޭނާ ޕާޓީން ވަކިވެފައިވާ ކަން ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ ނިންމުމަކީ އަސާސީ ގަވާއިދާ ޚިލާފު ނިންމުމެއް ކަމަށާއި އެގޮތަށް ކޮމިޓީ ނުބޭއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.