އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ހިސާން ވިދާޅުވެފައިވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވި ޕާޓީގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ރައީސްކަމުން ވަކިވެވަޑައިގަތުމުން ކަމަށެވެ. 

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ރައީސްގެ މަގާމުން ޝާހިދު ވަނީ މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އެ މަގާމަށް އިންތިހާބުވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ނަޝީދު 2023 ވަނަ އަހަރު އިސްތިއުފާ ދެއްވައި، އެމްޑީޕީން އޭރު ވަކިވެވަޑައިގަތުމުންނެވެ.

ހިސާން ވިދާޅުވީ ޕާޓީގެ ރައީސް އިސްތިއުފާ ދެއްވުމުން ޑިމޮކްރެސީގެ ރީތި އުސޫލުތަކާއި ހަމަތަކަށް ރިއާއަތްކޮށް، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމި ހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، މަގާމުން އިސްތިއުފާ ދެއްވީ ކަމަށް، ނިމިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި ހިސާންގެ ސިޓީގައިވެ އެވެ. 

"ޕާޓީގެ ރަސްމީ މަގާމެއްގައި އަޅުގަނޑު ނެތް ކަމުގައިވީ ނަމަވެސް ޕާޓީގެ އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި މި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދު ވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހާ މެމްބަރުންނަށް އަރުވަމެވެ،" ސިޓީގައި ވެ އެވެ.

އިދިކޮޅު އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮންނަ ގޮތުން ޕާޓީގެ ނައިބު ރައީސް އައްޔަންކުރަނީ ޕާޓީގެ ރައީސްގެ ހުށަހެޅުމަކަށް ގައުމީ މަޖިލީހުގެ ރުހުމާއެކުގަ އެވެ.

ހިސާން އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ޝާހިދުގެ ކެންޑިޑެސީ އިއުލާން ކުރަން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވެސް ހިސާން ބައިވެރިވެވަޑައިގަތެވެ. އަދި އެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.