މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައި ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

ޔޫނިއަންތަކާއި އެސޯސިއޭޝަންތައް ގުޅިގެން ކުރިއަށް ގެންދަން ރޭވި "މޭ ޑޭ" ހިނގާލުމަށް ފުލުހުން ހުއްދަ ދީފައިވެ އެވެ. ފުލުހުން ހުއްދަ ދިނީ މަޖީދީމަގުން އެއް ލޭނެއްގައި އާޓިފިޝަލް ބީޗުން ރަސްފަންނާ ހަމައަށް ހިނގާލުން ކުރިއަށް ގެންދިޔުމަށެވެ.

އެކަމަކު، ރެލީ ފެށިތަނާ ކަހަލަ ގޮތަކަށް ފުލުހުންގެ އެ ނިންމުން ބަދަލުކުރިކަން ސިޓީއަކުން އެންގި އެވެ. ފުލުހުން ފަހުން އެންގީ ރަސްފަންނު ސަރަހައްދުން ފެށިގެން އަމީނީމަގުން ރެލީ ކުރިއަށް ގެންދާށެވެ.

މަސައްކަތްތެރިންގެ ހައްގުގައި ޔޫނިއަންތަކުން ބޭއްވި ހިނގާލުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު
މަސައްކަތްތެރިންގެ ހައްގުގައި ޔޫނިއަންތަކުން ބޭއްވި ހިނގާލުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު

އެހެންވެ، ފުލުހުންނާއި ރެލީ އިންތިޒާމުކުރި މީހުންނާ ދެމެދު މައްސަލަ ހޫނުވެ، ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގާފައިވެ އެވެ. ހިނގާލުން ކުރިއަށް ނުގެންދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދު ވެސް ކުރި އެވެ. ހިނގާލުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ބައެއް މީހުން މަގުމައްޗަށް ވެއްޓިފައި ވެސްވެ އެވެ.

އެކަމަކު، މި ރެލީ ވަނީ ފުލުހުން ފަހުން އެންގި ގޮތަށް ރަސްފަންނު ސަރަހައްދުން ފެށިގެން އަމީނީމަގުން ދާ ގޮތަށް ބާއްވާފައިވެ އެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި މި ރެލީގައި އަޑު އުފުލި އެވެ.