ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަދީބު 10 އަހަރަށް ޖަލަށްލާން 2016 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ މެއި، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ދިމާކޮށް އޭނާ ފިސްތޯލައަކާއި ވަޒަންތަކެއް ގެންގުޅުނު ކަމަށް ބުނެ އެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަދީބު ގެންގުޅުނު ކަމަށް ބުނާ އެ ފިސްތޯލަ ތަހުގީގީ އިދާރާއަކަށް ހޯދިފައި ނެތްއިރު އެއީ އަސްލު ހަތިޔާރެއް ކަން އެނގޭ ފަދަ އެއްވެސް ފަންނީ ރިޕޯޓެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ފިސްތޯލަ ގެންގުޅެނިކޮށް ދުށް ކަމަށް ބުނާ ހެކިވެރިންގެ ބަހަށް ބަލާއިރު ވެސް، އެ މީހުންނަކީ އެ ފިސްތޯލައަކީ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ އަސްލު ހަތިޔާރެއް ކަން ދެނެގަނެވޭ ފަދަ ބައެއް ކަން އެނގެން ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މައްސަލާގައި ދައުލަތުން ހުށަހެޅި ކްރައިމް ސީން އޮފިސާ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބަލާއިރު ވެސް އެ ރިޕޯޓާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ މައްސަލާގައި އެކަށީގެންވާ ހެކި ހުށަހެޅިފައި ނެތް ކަމަށް ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އެއްބަސްވެފައިވާ ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރީ އެ ހާދިސާ ހިނގިއިރު އަމަލުކުރި ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ ދައުވާ ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭގެފަހުން 2015 ގައި ޓެރަރިޒަމްގެ އާ ގާނޫނު ވުޖޫދު ވުމާ އެކު ކުރީގެ ގާނޫނު އުވިފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރާ ޓެރަރިޒަމްގެ ގާނޫނަށް ބަލާއިރު، ހަތިޔާރެއް ގެންގުޅުން އެއީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ޓެރަރިޒަމްގެ އަމަލުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެ ގާނޫނު އޮތްގޮތުން ޓެރަރިޒަމްގެ އަމަލަށް ވަނީ ހަތިޔާރެއް ބޭނުން ކޮށްގެން އެ ގާނޫނުގައި ބުނާ ފަދަ އަމަލެއް ހިންގުމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު އެހެން ބައެއް ގާނޫނުތަކުގެ ދަށުން ހަތިޔާރު ގެންގުޅުން ނުވަތަ އަތުގައި ބެހެއްޓުން އެއީ މިހާރު ވެސް ކުށެއް ކަމަށް ބެލެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނާއި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން ހަތިޔާރު ގެންގުޅުމާއި އަތުގައި ބެހެއްޓުން އެއީ މިހާރު ވެސް ކުށެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކުށެއް ކުރިފަހުން ގާނޫނަށް ގެންނަ ބަދަލަކުން އެ ކުށަކަށް ލުޔެއް ދީފައިވާ ނަމަ، ފަހުން އަންނަ ގާނޫނުގައި ބުނާ ލުޔެއް ތުހުމަތު ކުރެވޭ މީހާއަށް ދިނުމަކީ ގާނޫނު އަސާސީ އާއި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބަލައިގެންފައިވާ އުސޫލެކެވެ. އަދި ފަހުން އަންނަ ގާނޫނުގައި ބުނާ ލުއި ދިނުމުގެ ތެރޭގައި، ކުރީގެ ގާނޫނުގައި ކުށުގެ އަމަލުގެ ތެރޭގައި ހިމެނޭ ކަމެއް ފަހުން އަންނަ ގާނޫނުގައި ކުށެއް ކަމުގައި ނުބެލެވޭ ގޮތަށް އޮތުމާއި ކުރީގެ ގާނޫނަށް ވުރެ ފަހުން އަންނަ ގާނޫނުގައި ކުށުގެ ދަރަޖަ ދަށްވުން ނުވަތަ ކުށުގެ އަދަބު ލުއިވުން ވެސް ހިމެނޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި،އަދީބު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިިޔާރުންގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

އަދީބު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއްް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ދެ ހުކުމް ބާތިލް ކުރިޔަސް، ޚިޔާނާތުގެ ކުށުގައި އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެއް އަދިވެސް އެބައޮތެވެ.