ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓާ ސޮފްޓްވެއާ ކުންފުނި، މައިކްރޮސޮފްޓާއެކު ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބޮޑު މަޝްރޫއުތަކެއް ހިންގުމަށް ފަސް އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މައިކްރޮސޮފްޓާއެކު ވެފައިވާ އެއްބަސްވުމާ އެކު ދިވެހި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ލިބިގެންދާނެ އެވެ. މި އެއްބަސްވުމުގައި، އެ ކުންފުންޏާ ގުޅިގެން ތަފާތު އެހެން ކަންކަން ކުރުމަށް ވަނީ ރާވައިފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ މައިކްރޮސޮފްޓާއެކު ވި އެއްބަސްވުމުގެ ސަބަބުން އައިއެސްއޯ ސެޓިފައިޑް ޑިޒައިނެއް ރާއްޖެ އަށް ދިނުމަށް އެ ކުންފުނިން އެހީތެރިވެދޭނެ ކަމަށެވެ.
މީގެ އިތުރުން މައިކްރޮސޮފްޓް އޮފީސް ސޮފްޓްވެއާގެ ލައިސަންސް ހާއްސަ އަގުތަކެއްގައި ލުއިފަސޭހަކަމާއެކު ލިބުމުގެ މަގުފަހިވެ، ތައުލީމީ ދާއިރާއަށް ބޭނުންވާ ބައެއް ސޮފްޓްވެއާތައް ހިލޭ ލިބޭނެ ކަމަށް އެތަނުން ބުންޏެވެ. އަދި އޮފީސްތަކުގެ ކޮމްޕިއުޓާ ވިއުގަ ބަލަހައްޓާ މުވައްޒަފުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރުމަށް އެއްބަސްވެފައިވާ ކަމަށް އެންސީއައިޓީން ބުންޏެވެ.
ސަރުކާރުގެ އޮފީސްތަކުގައި މައިކްރޮސޮފްޓް އޮފީސް ޕެކޭޖާއި ވީޑިއޯ ކޮންފަރެންސް އިން ސްކައިޕާއި ވިންޑޯސް ޑައިނަމިކްސް އާއި އެންޓި ވައިރަސް ފަދަ ޕްރޮޑަކްޓްސްތައް ބޭނުން ކުރެ އެވެ.
"މި އެއްބަސްވުމާއެކު މައިކްރޮސޮފްޓްގެ ސޮފްޓްވެއާތަކަށް ވަދެވޭނެ. މީގެ އެންމެ ބޮޑު ފައިދާއަކީ މައިކްރޮސޮފްޓުން އިތުރު ވާޝަންއެއް ނެރުނަސް ވަރަށް ކުޑަ އަގެއްގައި ސޮފްޓްވެއާ އަޕްގްރޭޑް ކުރުމާއި ޑައުންގްރޭޑް ކުރުމުގެ ހިދުމަތްތައް ލިބޭނެ،" އަޝްމަލީ ވިދާޅުވި އެވެ.
އަޝްމަލީ ވިދާޅުވި ގޮތުގައި މީގެ ކުރިން ދައުލަތުން ލައިސަންސްތައް ނަގަމުން ދަނީ ވަކިވަކި އޮފީސްތައް މެދުވެރިކޮށް އެކި އަގުތަކުގަ އެވެ. އެކަމަކު ސަރުކާރާ އެއްކޮށް ކޮންޓްރެކްޓެއް ހެދުނީމަ ހިފެހެއްޓިފައި ހުރި އަގުތަކެއްގައި ލައިސަންސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ އޮފީސްތައް އެއްކޮށްލައިގެން އަހަރަކު މައިކްރޮސޮފްޓް ޕްރޮޖެކްޓްތައް ގަތުމަށް 20 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. އަދި މައިކްރޮސޮފްޓާއެކު ވެވުނު އެއްބަސްވުމާއެކު އެ ކުންފުނީގެ ޕްރޮޑަކްޓްތަކަށް 18 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެންސީއައިޓީން ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ތަސައްވުރުގައި ހިމެނޭ ފަސް ޕްރޮގްރާމްގެ މައުލޫމާތު ހާމަކޮށްފަ އެވެ. އެގޮތުން އައިސީޓީ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި އިންޓަގްރޭޓަޑް އީ ގަވަމަންޓް ސިސްޓަމެއް ގާއިމުކުރުމާއި ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އައިސީޓީ ބޭނުން ކުރުން ހިމެނެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެންސީއައިޓީ އާއި މައިކްރޮސޮފްޓާއި މެކްސްކޮމް ކޮމިއުނިކޭޝަން ޓެކްނޮލޮޖީން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވިއިރު، މި އެއްބަސްވުމުގައި އެންސީއައިޓީން ސޮއިކުރެއްވީ އެ ތަން ހިންގުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ. މައިކްރޮސޮފްޓުން ސޮއިކުރެއްވީ، އެތަނުން ސްރީލަންކާއަށް ކަނޑައަޅާފައިވާ އިސް ބޭފުޅެއް ކަމަށްވާ ޕީޖިތާ ރާޖަޕަކްސަ އެވެ. އަދި މި ޕްރޮޖެކްޓް ރާއްޖޭގައި ހިންގާ މެކްސްކޮމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފިނޭންސް އިބްރާހިމް ފިރުޝާނެވެ.
މެކްސްކޮމް އިން ބުނީ އެ ތަނުގެ އަމާޒަކީ މައިކްރޮސޮފްޓްގެ ލައިސަންސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހި ކުރުން ކަމަށެވެ.