މީގެ 10 އަހަރު ކުރިން ބޮކްސް އޮފީހުގައި އާ ރެކޯޑެއް ހެދި ޖޭމްސް ކެމެރެންގެ "އެވެޓާ" އިން ފުރުސަތު ލިބުނު ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ދައުވާކުރުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ހަޖޫ ޖަހައި، މަލާމާތްކޮށްފައިވެ އެވެ.

އެކަމަކު ހަމަ މިކަހަލަ ދައުވާއެއް ހޮލީވުޑްގެ މަޝްހޫރު އެކްޓަރަކު ވަނީ ކޮށްފަ އެވެ. އެއީ މެޓް ޑޭމަން އެވެ. ބްރިޓިޝް ޖީކިއު އަށް ހޯމަ ދުވަހު ދިން އިންޓަވިއެއްގައި އޭނާ ބުނީ "އެވެޓާ" އިން ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވުމަކީ އެކްޓަރެއްގެ ގޮތުން ލިބުނު ގެއްލުމުގެ އިތުރަށް މާލީ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ޑޭމަން ބުނިގޮތުގައި 2009 ގައި ރިލީޒްކުރި ސައިންސް ފިކްޝަން ފިލްމުގެ ބަތަލުގެ ރޯލް އޭނާ އަށް ކުޅެން ލިބުނީ ފިލްމުގެ އާމްދަނީގެ 10 ޕަސަންޓުން ބައި ވެސް އަޅާ ގޮތަށެވެ.

"އޭރު ކެމެރެން ބުނިގޮތުގައި ފިލްމަށް ލީޑް ބަތަލުގެ ރޯލަށް އަހަރެން ނޫން މީހަކު ލާކަށް އޭނާ ބޭނުމެއް ވެސް ނޫން. އަދި އަހަރެން ފިލްމަށް ސޮއިކުރާ ނަމަ ފިލްމުން ލިބޭ އާމްދަނީން ދިހަ ޕަސަންޓް ދޭން ވެސް އޭނަ ހުށަހެޅި،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

ޑޭމަން ބުނިގޮތުގައި އޭނާ އަށް ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލަން މަޖުބޫރުވި ސަބަބަކީ އޭރު ޑައިރެކްޓަރު ޕޯލް ގްރީންގްރާސްގެ "ދަ ބޯން އަލްޓިމޭޓަމް" ގެ މަސައްކަތްކުރަމުން ދިއުމެވެ. އެ ފިލްމަކީ 2007 ގައި ރިލީޒްކުރި ފިލްމެކެވެ.

"އެވެޓާ އަށް އެއްބަސްވާ ނަމަ އަހަންނަށް އޮތް އެއް ގޮތަކީ ޕޯލްގެ ފިލްމަށް ދޫކޮށްލުން. އެކަމަކު އެވަރުގެ ބޮޑު ގެެއްލުމެއް ދޭން ނުކުރެނީ،" އޭނާ ބުންޏެވެ. "އެކަން އެގޮތަށް ކުރެވުނު ނަމަ އަހަރެން އަބަދުވެސް އެކަމާ ރިގްރެޓްކުރާނަން. އެހެންވިޔަސް އެވެޓާ ދޫކޮށްލަން ޖެހުމަކީ އެކްޓަރެއްގެ ގޮތުން އަހަންނަށް ލިބުނު ފޫނުބެއްދޭ ވަރުގެ ދެރައެއް."

ޑޭމަން ބުނިގޮތުގައި އަބަދުވެސް ދެރަވާނެ އެއް ކަމަކީ "ޓައިޓޭނިކް" ވެސް ގެނެސްދިން ކެމެރެންއާ އެކު މަސައްކަތްކުރަން ލިބުނު ފުރުސަތު ދޫކޮށްލަން ޖެހުމެވެ.

"އެވެޓާ" އިން ޑޭމަން އަށް ލިބުނު ކެރެކްޓާ އެ ފިލްމުގައި ކުޅުނީ ސޭމް ވޯތިންޓަން އެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި އެންމެ ފުރަތަމަ ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެވެ. އެ ރެކޯޑް ދާދި ފަހުން "އެވެންޖާޒް: އެންޑްގޭމް" ވަނީ މުގުރާލައިފަ އެވެ.

"އެވެޓާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު ކެމެރެން މިހާރު އަންނަނީ އެ ސީރީޒްގެ އިތުރުން ހަތަރު ފިލްމެއް ގެނެސްދޭން މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ.

ޑޭމަންގެ ކުރިއަށް އޮތް ފިލްމަކީ އަންމަ މަހުގެ 15 ގައި ރިލީޒްކުރާ "ފޯޑް ވާސަސް ފެރާރީ" އެވެ.