ކާމިޔާބު ވަރުގަދަ ފިލްމުތަކެއް ގެނެސް ދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓްގެ އާ ފިލްމު "ދަ ލާސްޓް ޑުއެލް" އަށް މީގެ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ބެން އެފްލެކާއި މެޓް ޑޭމަން ސޮއިކޮށްފި އެވެ.
ދެ ތަރިން ސްކްރިޕްޓްގައި ވެސް ހިއްސާވާ މި ފިލްމަކީ 14 ވަނަ ގަރުނުގައި ފްރާންސްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިޔާ އެރިކް ޖެގާ 2004 ގައި ގެނެސް ދިން ވާހަކަ "ދަ ލާސްޓް ޑުއެލް: އަ ޓްރޫ ސްޓޯރީ އޮފް ޓްރައިލް ކޮމްބެޓް އިން މެޑީވަލް ފްރާންސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ސްކްރީންޕްލޭގައި މިދިޔަ އަހަރު ރިލީޒް ކުރި ބައޮގްރަފިކަލް ޑްރާމާ "ކޭން ޔޫ ފޮގިވް މީ؟" އިން އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ އަށް ނޮމިނޭޓްވި ނިކޯލް ހޮލޮފްޝީނާ ވެސް ހިއްސާވާ "ދަ ލާސްޓް ޑުއެލް" ގައި މައިގަނޑު ޕްލޮޓަކީ ހަނގުރާމަ އަށް ގޮސްފައި އެނބުރި އަންނަ އިރު، އެކުވެރިޔާ އަންހެނުން ރޭޕްކޮށްފައިވާ ކަމަށް ތުހުމަތު ކުރާ އޮފިސަރެއްގެ ވާހަކަ އެވެ.
ވެރައިޓީން ބުނި ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވެ، ފިލްމު ކުޅުމުގެ އިތުރަށް އެފްލެކާއި ޑޭމަން ޕްރޮޑިއުސަރުންގެ ޒިންމާ ވެސް ސްކޮޓާ އެކު ނަގާނެ އެވެ. އެފްލެކާއި ޑޭމަންއަކީ 1997 ގެ "ގުޑްވިލް ހަންޓިން" ގެ ސްކްރީންޕްލޭ ވެސް ލިޔެގެން އޮސްކާ އެވޯޑް ހޯދާފައިވާ ދެ ތަރިންނެވެ.
"ދަ ލާސްޓް ޑުއެލް" ގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. ޑޭމަން މި ވަގުތު އަންނަނީ އަންނަ މަހު ޝޫޓިން ފަށާ "ސްޓިލްވޯޓާ" އަށް ތައްޔާރުވަމުންނެވެ. އޭނާ ކުރިން ވެސް ސްކޮޓް ގެނެސް ދިން "ދަ މާޝަން" ގައި މަސައްކަތްކޮށްފައިވެ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ދަ ލާސްޓް ޑުއެލް" އަށް ވަގުތު ދިނުމުގެ ގޮތުން 2017 ގައި "އޯލް ދަ މަނީ އިން ދަ ވޯލްޑް" ގެނެސް ދިން ސްކޮޓް، ޑިޒްނީ އަށް ޑައިރެކްޓްކޮށް ދޭން އޮތް ފިލްމު "މާލިން" ގެ މަސައްކަތް މިހާރު ވަނީ ފަހަތަށް ޖައްސާލައިފަ އެވެ.