މެކްޑޮނަލްޑްސްގެ ރަހަތަކުގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައި ތިއްބަސް، މަޝްހޫރު މި ފާސްޓް ފުޑް ކުންފުނީގެ ފަރުދާގެ ފުރަގަހުގައި ވެސް ހިތް ނޭދޭ ކަހަލަ ބައެއް ކަންކަން ހިނގާފައި އެބަ ހުއްޓެވެ.
އެފަދަ ފިލްމެއް ގެނެސް ދޭން ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން މިހާރު އަަންނަނީ ތައްޔާރުވަމުންނެވެ.
މި ފިލްމް ބިނާ ކުރަނީ ޖެފް މޭޝް ޑެއިލީ ބީސްޓްގައި ލިޔެފައިވާ ހަގީގީ ހާދިސާ "ހައު އޭން އެކްސް ކޮޕް ރިގްޑް މެކްޑޮނަލްޑްސް މޮނޮޕޮލީ ގޭމް އެންޑް ސްޓޯލް މިލިއަންސް" އަށެވެ. އޭގައި ކިޔައި ދެނީ ހައްގު ނޫން މީހަކަށް މެކްނޮޑަލްޑްސް އިން ދޭ އިނާމެއްގެ މައްސަލަ ފަޅާއަރުވައިލާ ގޮތެވެ.
މީގެ ރައިޓްސް ފޮކްސް އިން ހޯދާފައިވާ އިރު، ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމް ޑައިރެކްޓް ކުރާނީ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ބެން އެފްލެކް އެވެ. އަދި ފިލްމްގެ އެންމެ މުހިއްމު ކެރެކްޓާ ކުޅޭނީ މެޓް ޑެމަން އެވެ.
ފޮކްް އިން ފިލްމް ގެނެސް ދޭނީ އެފްލެކާއި ޑެމަންގެ ފިލްމް ކުންފުނި ޕާލް ސްޓްރީޓް ކޮމްޕެނީއާ ގުޅިގެންނެވެ.
"ހައު އޭން އެކްސް ކޮޕް ރިގްޑް މެކްޑޮނަލްޑްސް މޮނޮޕޮލީ ގޭމް އެންޑް ސްޓޯލް މިލިއަންސް" ގެ ސްކްރީންޕްލޭ މިހާރު ވަނީ "ޑެޑްޕޫލް" ގެ ސްކްރީން ރައިޓަރުން ކަމަށްވާ ޕޯލް ވާނިކް އާއި ރިޓް ރީޒްއާ ހަވާލުކޮށްފަ އެވެ.
އެފްލެކާއި ޑެމަންއަކީ މީގެ ކުރިން ވެސް އެކުގައި ކާމީޔާބު މަސައްކަތްތަކެއްކޮށްފައިވާ ދެ ފަންނާނުންނެވެ. އޭގެ ތެރޭގައި އެ ދެ މީހުން ސްކްރީންޕްލޭ ލިޔެ، މުހިއްމު ރޯލްތައް ކުޅުނު 1997 ގެ ފިލްމް "ގުޑް ވިލް ހަންޓިން" ފާހަގަކޮށްލެވެ އެވެ.
އެ ފިލްމަށް އެންމެ މޮޅު އޮރިނަލް ސްކްރީންޕްލޭގެ އޮސްކާ އެވޯޑް ލިބިފައިވެ އެވެ. އެފްލެކަކީ 2012 ގެ "އާގޯ" އިން ވެސް އެންމެ މޮޅު ފިލްމްގެ އޮސްކާ ހޯދާފައިވާ ޑައިރެކްޓަރެކެވެ.