ކޮވިޑު-19 ގައި ހާލު ސީރިއަސްވި މާބަނޑު މީހަކު، ބަނޑަށް ހަތް މަހުގައި ދަރިފުޅު ނަގައިފި އެވެ.

ވިލިމާލޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ސަހާނާ، 31، ކޮވިޑަށް ޕޮޒިޓިވް ވީ މިދިޔަ ހަ ރޯދައިގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ބަލިވާން ފެށި އެވެ. އޭނާގެ ހާލު ސީރިއަސްވެ، މިހާރު ފަރުވާ ހޯދަމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

ސަހާނާ އަކީ، ވިލިމާލޭގެ ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން މީގެ ދެ އަހަރުކުރިން ރާއްޖެ އައި މީހެކެވެ. އޭނާގެ ފިރިމީހާ ވެސް އުޅެނީ ރާއްޖޭގަ އެވެ.

ސަހާނާ އުޅޭ ގެއިން "މިހާރު"އާ މިއަދު ވާހަކަދެއްކި މީހަކު ބުނީ ހަ ރޯދައިގެ ތެރޭގައި ސަހާނާ ބަލިވެ އުޅެމުން ދިޔައިރު، ކޮވިޑަށް ޕޮޒިޓިވް ރިޕޯޓް ލިބުނު ކަމަށެވެ.

އޭނާ ބަލަމުން އައި އުމުރުން ދުވަސްވީ މީހާ އާ އެކު، އެ ގޭގައި އުޅޭ އިތުރު ބަޔަކަށް ވެސް ކޮވިޑް ޖެހުނެވެ. ސަހާނާ ފިޔަވައި ދެން ތިބި އެންމެން މިހާރު ކޮވިޑުން ވަނީ ފަސޭހަ ވެފަ އެވެ. އެކަމަކު ބަލި ބޮޑުވަރުގެ ސަހާނާ ވެންޓިލޭޓަރަށް ވެސް ލާން ޖެހުނެވެ.

އޭނާގެ ހާލު ބޮޑުވުމާ އެކު ޑޮކްޓަރުން ލަފާ ދިނީ ބަނޑުގައި އޮތް ދަރިފުޅު ނެގުމަށެވެ. މީގެ ދެ ހަފުތާ ކުރިން ސިޒޭރިއަން ހަދައިގެން ނެގި ތުއްތު ކުއްޖާ ވެސް އޮތީ އައިސީޔޫގަ އެވެ.

އެ އާއިލާއިން ބުނިގޮތުގައި ސަހާނާގެ ފުއްޕާމޭގައި ހުރި މައްސަލައެއްގެ ސަބަބުން ނޭވާ ލަނީ ވެސް ހޮޅިއެއް ލައްވައިގެންނެވެ.

ކޮވިޑުގައި ހާލު ސީރިއަސްވާ ޒުވާނުންގެ އަދަދު އިތުރުވާއިރު، ރާއްޖެއިން އިއްޔެ ވަނީ މާބަނޑު އިރު ކޮވިޑް ޖެހިގެން ރާއްޖޭން ފުރަތަމަ މީހާ ނިޔާވެފަ އެވެ. ސަމީޔާ އަހުމަދު، 25، ހާލު ސީރިއަސްވުމުން މިދިޔަ މަހުގެ 29 ގައި ސިޒޭރިއަން ހެދުމަށްފަހު އޭނާގެ އަލަތު ދަރިފުޅު ނެގި އެވެ. އެ ތުއްތު ކުއްޖާގެ ހާލު ރަނގަޅެވެ.