މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ އެންމެ މޮޅު ފޮޓޯގްރަފަރަކަށް އަލީ މުހައްމަދު (އެލީޒް) އަށް ލިބިއްޖެ އެވެ.
އެލީޒަށް މި އެވޯޑް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ސޯޝަލް މީޑިޔާގައި އެލީޒްގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ އަކީ ރިސޯޓުތަކުގެ ފޮޓޯތަކާއި ތަފާތު އިވެންޓްތަކުގެ ވެސް ގިނަ ފޮޓޯ ނަގާ މީހެކެެވެ. އޭނާގެ ފޮޓޯތަކުން ރާއްޖޭގެ ރީތި މަންޒަރުތައް ވަރަށް ތަފާތުގޮތަކަށް ދައްކުވައިދެ އެވެ.
މީގެ 18 އަހަރު ކުރިން ފޮޓޯގްރަފީގެ ދާއިރާ އަށް ވަދެފައިވާ އަލީ އަންނަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި މަޝްހޫރު މޮޑެލުންނާ އެކު ވެސް މަސައްކަތް ކުރަމުންނެވެ. އޭނާ އެންމެ ފުރަތަމަ ފެށީ ރަށްޓެހިންގެ ވެޑިން ފޮޓޯ ނަގާށެވެ. ދުވަސްކޮޅެއް ފަހުން އޭނާ ވަނީ، މިދާއިރާގައި ފައިތިލަ ސާބިތުކޮށް، އެންމެ ޑިމާންޑު ބޮޑު އެއް ފޮޓޯގްރާފަރަށް ވެފަ އެވެ.
މަޓާޓޯގެ ޓްރެވަލް އެވޯޑް އޭނާއަށް ލިބުނު އިރު މިއީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް 2012 ވަނަ އަހަރުން ފެށިގެން އަންނަނީ ދެމުންނެވެ. މި އަހަރުގެ ޓްރެވެލް އެވޯޑް ވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ލިބިފައިވެ އެވެ.