މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓް ހަމަޖައްސައިފި އެވެ.
މިއީ އެލިއާ އިންވެސްޓްމަންޓުން މި އެވޯޑުގައި ބައިވެރިވާ ދެވަނަ ފަހަރެވެ. މި އެވޯޑުގައި ސްޕޮންސަރުންގެ ގޮތުގައި އުރީދޫ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި އެލައިޑް އިންޝުއަރެންސުން ވެސް ބައިވެރިވެ އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ދެވޭ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑްސް އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ހާއްސަ އެވޯޑެއް ދެމުންނެވެ. "ގެސްޓްހައުސް އެޑިޝަން" ގެ ނަމުގައި ބާއްވާ މި އެވޯޑަށް ކުރިމަތިލާ ތަންތަނަށް މާކްސް ދެނީ ހިދުމަތް ހޯދާ މީހުންގެ 60 ޕަސެންޓް މާކްސް ދެނީ ޕޮޕިއުލާ ވޯޓުންނެވެ. އަދި 40 ޕަސެންޓް މާކްސް ނަގަނީ ދުނިޔޭގެ އެންމެ ބޮޑު ބުކިން ސައިޓް ޓްރެވަލް އެޑްވައިޒާގެ ރޭޓިން އަށެވެ. މި އަހަރުގެ ގެސްޓްހައުސް އެޑިޝަނަށް ވެސް 120 އަށް ވުރެ ގިނަ ފަރާތުން ނޮމިނޭޓްވެފައިވެ އެވެ. މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ބަންދުވިއިރު، އެ އެވޯޑަށް 200،00 ފަރާތަކުން އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދީފައިވެ އެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ހާއްސަ އެވޯޑު ހަފުލާގަ އެވެ.