މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ލަސްވޭގަސްގައި ކުރިއަށް ގެންދާ "ސިނެމާކޮން" އިވެންޓުގައި މި ޓްރެއިލާ ދައްކާލާފައި ވަނީ ހަމައެކަނި އެ ތަނަށް ދިޔަ މީހުންނަށެވެ.

މި ފިލްމާ އެކު، މާވެލްގެ އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ރޮބަޓް ޑައުނީ ޖޫނިއާ އަލުން އެނބުރި މި އަންނަނީ އަޔަން މޭންގެ ރޯލަކުން ނޫނެވެ. އޭނާ މިފަހަރު ފެންނާނީ ބޮޑު ވިލަންއެއް ކަމަށްވާ "ޑޮކްޓާ ޑޫމް"ގެ ގޮތުގަ އެވެ. އެ ޓްރެއިލާގައި އޭނާ ފެންނަނީ ރިހި ކުލައިގެ މާސްކެއް އަޅައިގެން ހުއްޓަ އެވެ.

ސްޓީވް ރޮޖާސް ނުވަތަ ކެޕްޓަން އެމެރިކާގެ ރޯލު ކުޅުނު ކްރިސް އެވަންސް ވެސް އަލުން އެނބުރި އަންނަކަން އެ ޓްރެއިލާ އިން ވަނީ ކަށަވަރުވެފަ އެވެ. 

ކްރިސް ހެމްސްވޯތު ކުޅޭ ތޯގެ ރޯލު މި ފިލްމުގައި ވަރަށް މުހިންމުވާނެކަން ވެސް ޓްރެއިލާއިން އެނގޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޓްރެއިލާގައި ފެންނަ ގޮތުން ތޯގެ ބާރުގަދަ "ސްޓޯމްބްރޭކާ" އިން ޑޮކްޓާ ޑޫމްއަށް ހަމަލާދޭން އުޅުމުން، ވަރަށް ފަސޭހަކަމާ އެކު ޑޫމް އެ ހަމަލާ ހުއްޓުވަ އެވެ.

އެ ޓްރެއިލާގައި މާވެލްގެ ގިނަ ތަރިންތަކެއްގެ ކުރު ފެނިލުންތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޕެޑްރޯ ޕަސްކަލް (މިސްޓާ ފެންޓާސްޓިކް)، ފްލޮރެންސް ޕިއު (ޔެލީނާ)، ސެބަސްޓިއަން ސްޓޭން (ބަކީ)، ޗޭނިންގް ޓޭޓަމް (ގެމްބިޓް) އަދި ޕެޓްރިކް ސްޓެވާޓް (ޕްރޮފެސާ އެކްސް) ހިމެނެ އެވެ. 

"އެވެންޖާސް: ޑޫމްސްޑޭ" ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު 18 ގަ އެވެ. 

އެ ފިލްމު ޑައިރެކްޓް ކުރަނީ މާވެލްގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "އިންފިނިޓީ ވޯ" އާއި "އެންޑްގޭމް" ވެސް ގެނެސްދިން ރޫސޯ ބްރަދާސް އެވެ.