ދުބާއީ (ފެބްރުއަރީ 15) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޖައްވަށް ފޮނުވި އުޅަނދު، ހޯޕް އިން މާސްގެ ފުރަތަމަ ފޮޓޯ ދުނިޔެ އަށް ފޮނުވައިފި އެވެ.

ރެޑް ޕްލެނެޓުގެ އޯބިޓަށް ޔޫއޭއީގެ އުޅަނދު ވަދެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދުނިޔެއާ އެންމެ ކައިރި އަވަށްޓެރި ޕްލެޓުގެ އޯބިޓަށް ވަން ފުރަތަމަ އަރަބި ގައުމުގެ ޝަރަފު ޔޫއޭއީން ވަނީ ހޯދައިފަ އެވެ.

ހޯޕުން ނެގި މާސްގެ ފުރަތަމަ ފޮޓޯ އަށް ފަހު އިތުރު ފޮޓޯތައް ފޮނުވަން ފަށާނެ އެވެ. ޔޫއޭއީގެ އުޅަނދުން މާސްގެ މޫސުމާއި މޫސުމީ ނިޒާމް އޮންނަ ގޮތް ދިރާސާކުރާނެ އެވެ.

ޔޫއޭއީގެ މާސް މިޝަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހޯޕް ޕްރޯބުގެ މާސްގެ ފުރަތަމަ ފޮޓޯ ދުނިޔެ އަށް ފޮނުވުމަކީ ޔޫއޭއީ އަށް ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި ޖައްވީ ހޯދުންތަކުގައި ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައަކަށް ޔޫއޭއީ އަށް ވެސް ދެވުން ކަމަށް ވަނީ ބުނެފަ އެވެ.

ޔޫއޭއީގެ އުޅަނދުން މާސްގެ ފޮޓޯ ނެގި ދުވަހު ޗައިނާގެ ޓިއަންވެން-1 ވަނީ މާސްގެ އޯބިޓަށް ވަދެފަ އެވެ. ޓިއަންވެން-1 ގައި ހިމެނޭ ރޯވާ މާސްގެ ބިމަށް ދޫކޮށްލާނެ ކަމަށް ބެލެވެނީ މެއި ނުވަތަ ޖޫން މަހު އެވެ.

ޔޫއޭއީ އަކީ މާސް އަށް އުޅަނދެއް ފޮނުވި ފުރަތަމަ އަރަބި ގައުމު.
ޔޫއޭއީ އަކީ މާސް އަށް އުޅަނދެއް ފޮނުވި ފުރަތަމަ އަރަބި ގައުމު.

ޔޫއޭއީ އިން މާސް އަށް ދަނީ ކީއްވެ؟

ޖައްވީ އުޅަނދެއް ޑިޒައިންކޮށް އުފެއްދުމުގައި ޔޫއޭއީގެ ތަޖްރިބާ ވަރަށް މަދެވެ. އެކަމަކު އެ މީހުން އެ މަސައްކަތް ކުރަނީ މާޒީގައި އެމެރިކާ، ރަޝިޔާ، ޔޫރަޕް އަދި އިންޑިއާ އިން ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމެއް ކުރުމަށެވެ.

އެމެރިކާގެ ތަޖްރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތާ އެކު ޔޫއޭއީގެ އިންޖިނޭރުން ވަނީ ޖައްވީ އުޅަނދެއް އުފެއްދުމުގައި ހަ އަހަރު ހޭދަކޮށްފަ އެވެ. މާސް މިޝަން އަކީ ޔޫއޭއީ ސަރުކާރުން ބުނި ގޮތުގައި، ތެލާއި ގޭހަށް އިގްތިސާދު ބަރޯސާވެގެން އޮތުމުގެ ބަދަލުގައި ކުރިމަގުގައި މައުލޫމާތުގެ އިގްތިސާދަކަށް ބަދަލުކޮށްލުމުގެ ފެށުމެވެ.

މާޒީގައި މާސް އަށް ކުރި ދަތުރުތަކުގެ ރިސްކް ބޮޑެވެ. ރެޑް ޕްލެނެޓަށް ފޮނުވި ދެބައިކުޅަ އެއްބައި އުޅަނދު ވަނީ ފެއިލްވެފަ އެވެ. ޔޫއޭއީގެ ހޯޕް ޕްރޮޖެކްޓުގެ ޑިރެކްޓަރު އޮމްރާން ޝަރަފް ވިދާޅުވީ އެކަމުގައި ހުރި ނުރައްކާތައް އެނގޭ ކަމަށާއި އެކަމަކު ވެސް ޔޫއެއީން އެކަން ތަޖްރިބާ ކުރަނީ ކަމަށެވެ.

"ފެއިލްވުމަކީ ވެސް އޮތް ކަމެއް. އެކަމަކު މިއީ ރިސާޗް އަދި ޑިވެލޮޕްމަންޓް މިޝަނެއް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގެ ބުރްޖް ޚަލީފާ ވަނީ، އެ ގައުމުގެ އުޅަނދު މާސްގެ އޯބިޓަށް ވަނުން ކާމިޔާބު ކުރުމުގެ ގޮތުން ދިއްލާލައިފަ އެވެ.