މެންޗެސްޓާ (ފެބްރުއަރީ 1) – މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ޗައިނީސް ސުޕަ ލީގުގެ ޝަންޑޮން ލުނެން އަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ފެލައިނީ އަކީ އެވަޓަންގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސްއާ އެކު، 2014 ވަނަ އަހަރު ޔުނައިޓެޑާ 27 މިލިއަން ޕައުންޑަށް ގުޅުނު ކުޅުންތެރިއެކެވެ. އޭނާ އަކީ އެލެކްސް ފާގަސަންގެ ދައުރަށް ފަހު ޔުނައިޓެޑަށް ސޮއިކުރުވި ފުރަތަމަ މަޝްހޫރު ކުޅުންތެރިޔާ އެވެ.

މޮއިސް ފަހުން ދިޔަ ނަމަވެސް ފެލައިނީ ވަނީ ލުއިސް ވެން ހާލް އާއި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ވެސް ގަވާއިދުން ކުޅެފަ އެވެ. އެކަމަކު ޖުމްލަ 177 މެޗު ކުޅެދީފައިވީ ނަމަވެސް އޭނާ އަކީ ސަޕޯޓަރުން އެންމެ ގަޔާވާ ކުޅުންތެރިއެއް ނޫނެނެވެ. އަދި ޔުނައިޓެޑް އެހެން ލެވެލަކަށް ގެންދެވޭނެ ފެންވަރު ވެސް އޭނާގެ ކިބައިގައި ނެތެވެ.

އާ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހަވާލުވެ ފެލައިނީ އަށް ފުރުސަތެއް ނެތެވެ. އެހެންވެ ޖެނުއަރީ މަހު އޭނާ ކްލަބް ބަދަލުކުރީ އެވެ. ބެލްޖިއަމް ގައުމީ ޓީމަށް 87 މެޗު ކުޅެދީފައިވާ ފެލައިނީ ޗައިނާގެ ކްލަބުގެ މެޑިކަލް ޓެސްޓުން ފާސްވެ ޓްރާންސްފާގެ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެ އެވެ.

ޔުނައިޓެޑުން ވަނީ އެ ޓީމުގެ ފްރާންސް ވިންގާ އެންތަލީ މާޝިއަލްގެ ކޮންޓްރެކްޓް 2014 ގެ ނިޔަލަށް އާކޮށްފަ އެވެ. ޔުނައިޓެޑަށް ބޮޑު އަގެއްގައި 2015 ވަނަ އަހަރު ގެނައި އުމުރުން 23 އަހަރުގެ މާޝިއަލް އަށް މުހިއްމު ދައުރެއް އަދާނުކުރެވޭތީ އޭނާ ކްލަބް ދޫކޮށްލަފާނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު ކޮންޓްރެކްޓް އާކުރުމަށް ފަހު އޭނާ ބުނީ ކްލަބުގައި ހޭދަކުރަމުންދާ ދުވަސްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އާ ކޯޗު ސޯލްޝެއާއާ އެކު ރަނގަޅު ފުރުސަތުތަކެއް ލިބި އަދި ފަހަކަށް އައިސް ޔުނައިޓެޑް ދަމަހައްޓަމުން އަންނަ ފޯމުގައި އޭނާގެ މުހިއްމު ދައުރެއް އެބައޮތެވެ.