ޔޫއޭއީގައި މިއަދު އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގައި ރާއްޖޭގެ އަންހެނުންގެ ހާފް މެރެތަން ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) އާކޮށްފި އެވެ.

އޭނާ މިއަދު 1 ގަޑި 32:42 މިނެޓުން ދުވެގެން އާކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 33:37 މިނެޓުން ހެދި ރެކޯޑެވެ. އަދި މިއަދުގެ ރޭހުގެ ރާސްތާގެ ތެރެއިން މަރީ ވަނީ 10 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ރެކޯޑް ވެސް އާކޮށްފަ އެވެ.

ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 43:26 މިނެޓުން ހެދި 10 ކިލޯމީޓަރުގެ ރެކޯޑް މިއަދު އާކުރީ 43 މިނެޓުން ދުވެގެންނެވެ. އެ ފަހަރު 1 ގަޑި 06:32 މިނެޓުން ދުވެގެން ހެދި 15 ކިލޯމީޓަރުގެ ރެކޯޑް މި ފަހަރު އާކުރީ 1 ގަޑި 05:23 މިނެޓުން ދުވެގެންނެވެ. އަދި އެ ފަހަރު 1 ގަޑި 29:17 މިނެޓުން ހެދި 20 ކިލޯމީޓަރުގެ ރެކޯޑް އާކުރީ މިއަދު 1 ގަޑި 28:11 މިނެޓުން ދުވެގެންނެވެ.

މީގެ ތެރެއިން 15 ކިލޯމީޓަރާއި 20 ކިލޯމީޓަރަކީ އާއްމުކޮށް ރޭސް ބާއްވާ އިވެންޓްތަކެއް ނޫނެވެ. އެކަމަކު މައި އިވެންޓުގެ ތެރެއިން އެ ދެ ރާސްތާގެ ޓައިމިން ރަސްމީކޮށް ނަގައިދޭ ނަމަ އެ ރެކޯޑް އެސޯސިއޭޝަނުން ގަބޫލުކުރާނެ އެވެ.

މިއީ މަރީ ހާފް މެރެތަން ރެކޯޑް އާކުރި ދެ ވަނަ ފަހަރެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ކަމަށްވާ ސަމްހާ އަހުމަދު 1 ގަޑި 42 މިނެޓުން ދުވެގެން ހަދާފައިވާ ރެކޯޑް މަރީ އެންމެ ފުރަތަމަ މުގުރާލީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 1 ގަޑި 34 މިނެޓު 48 ސިކުންތުން ދުވެގެންނެވެ.

މަރީ ދުވުމުގެ ތެރެއަށް ވަންތާ ފަސް އަހަރުވީ އޭނާ ވަނީ އެތުލެޓިކްސްގެ ވަރަށް ގިނަ ގައުމީ ރެކޯޑުގެ ހައްގުވެރިކަން ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 10،000 މީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) ހިމެނެ އެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭއެޗް ސްޕޯޓްސް އެކަޑަމީން ތަމްރީންވާ މަރީ ދަތުރުކޮށްފައިވާ ހިސާބަށް ދިވެހި އެހެން ދުވުންތެރިޔަކަށް ދެވިފައެއް ނުވެ އެވެ.

މަރީ އަކީ ގައުމީ އެތުލެޓިކްސް މުބާރާތުގެ ޗެމްޕިއަނެއް ވެސް މެ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މަރީ ވަނީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ 5000 މީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދި އެވެ.