ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސްގެ ފުލް މެރެތަން (42 ކިލޯމީޓަރު) އިވެންޓުގައި ދުވެ ރާއްޖޭގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ރާއްޖޭގެ އަންހެނުންގެ މެރެތަން ރެކޯޑް މިއަދު މުގުރާލައިފި އެވެ.
ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި މި އަހަރުގެ މާޗު މަހު 3 ގަޑި 30:32 މިނެޓުން ދުވެ މަރީ ހެދި ރެކޯޑް އޭނާ މިއަދު މުގުރާލީ 3 ގަޑި 21:54 މިނެޓުން ދުވެގެންނެވެ. އެކަމަކު މަރީ ދިޔައީ ހަތް ދުވުންތެރިން ވާދަކުރި ރޭހުން ހަ ވަނަ އަށެވެ. ރަން މެޑަލް ހޯދީ 2 ގަޑި 41:24 މިނެޓުން ދުވި ސްރީ ލަންކާގެ ހިރުނީ ކެސާރާ އެވެ. ރިހި މެޑަލް، 2 ގަޑި 50:11 މިނެޓުން ދުވި ނޭޕާލުގެ ޕުޝްޕާ ބަންދާރީ ހޯދިއިރު ލޯ މެޑަލް ހޯދީ 2 ގަޑި 52:44 މިނެޓުން ދުވި އިންޑިއާގެ ޖިޔޯތީ ގަވާޓޭ އެވެ.
މަރީ ވަނީ ރަންއެޓޯލިއާ މެރެތަންގައި ދުވި ޓައިމިން އަށް ވުރެ އަވަހަށް، ސެޕްޓެމްބަރު މަހު ބާލިން މެރެތަންގައި ދުވެފަ އެވެ. އެކަމަކު އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) ގެ މިންގަނޑުން ބެލިއިރު އޭނާގެ ޓައިމިން ކުރީގެ ރެކޯޑާ ވީ އެއްވަރެވެ. ރޭހުގެ ސްޓާޓިން ޕޮއިންޓުން ފެށިގެން ނިމުމާ ހަމަޔަށް މަރީ ދުވެފައިވަނީ 3 ގަޑި 20:22 މިނެޓުންނެވެ. އެކަމަކު އައިއޭއޭއެފް އިން ބަލަނީ ރޭސް ފަށަން ބަޑި ޖަހާ ހިސާބުން ފެށިގެން އެ ދުވުންތެރިޔަކު ރޭސް ނިންމިއިރު ދުވެފައިވާ ވަގުތަށެވެ. އެގޮތަށް ބެލިއިރު މަރީގެ ޓައިމިން އަކީ 3 ގަޑި 30:32 މިނެޓުންނެވެ.
މިއީ މެރެތަން ރެކޯޑް މަރީ މުގުރާލި ތިން ވަނަ ފަހަރެވެ. ހުޅުމާލޭގައި 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްޓީސީ މެރެތަންގައި ޒުލޭހާ އަލީ 3 ގަޑި 48 މިނެޓުން ހެދި ރެކޯޑް މަރީ އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 3 ގަޑި 34:24 މިނެޓުން ދުވެގެންނެވެ.
ފިރިހެނުންގެ މެރެތަންގައި ރާއްޖޭގެ ޝިފާޒް މުހައްމަދު ވާދަކޮށް 2 ގަޑި 58:38 މިނެޓުން ނިންމައި ދިޔައީ އަށް ދުވުންތެރިން ވާދަކުރި ރޭހުން ހަތް ވަނަ އަށެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ހޯލްޑަރު ޝިފާޒް މި އަހަރުގެ ޖެނުއަރީ މަހު ދުބައީ މެރެތަންގައި ރެކޯޑް މުގުރާލީ 2 ގަޑި 32:56 މިނެޓުން ދުވެގެންނެވެ. އެ ޓައިމިންއާ ބަލާއިރު ޝިފާޒުގެ މިއަދުގެ ޓައިމިން ވަރަށް ދަށެވެ.
އެކަމަކު އެ ރެކޯޑް ހެދި ފަހުން ޝިފާޒް މި އަހަރު މިހާތަނަށް ތަމްރީން ހަދަމުން އައީ ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މެޑެއްޔެއް ހޯދުމަށް ހާފް މެރެތަން އަށް ހާއްސަ ވެގެން އެ އިވެންޓަށެވެ.
މިއަދު މެރެތަން އިން ގައުމީ ރެކޯޑް އާކުރި މަރީ ވަނީ މި ގޭމްސްގައި އަންގާރަ ދުވަހު 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. އޭނާ ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 42 މިނެޓު 44.80 ސިކުންތުން ދުވެގެން ހެދި ރެކޯޑް އާކިުރީ 42 މިނެޓު 08.62 ސިކުންތުން ދުވެގެންނެވެ. އޭނާ ދިޔައީ ހީޓުގެ ހަތް ވަނަ އަށެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 35 މިނެޓު 07.94 މިނެޓުން ދުވި ނޭޕާލުގެ ސަންތޯޝީ ޝްރެސްތެވެ.
މި ރެކޯޑް މަރީގެ ކުރިން އޮތީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 45 މިނެޓު 12.36 ސިކުންތުން ދުވި ސަމްހާ އަހުމަދު އަތުގަ އެވެ. އެއީ ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު އަންހެން ދުވުންތެރިޔާ ސަމްހާގެ އަތުގައި އޮއްވާ މަރީ މުގުރާލި ތިން ވަނަ ރެކޯޑެވެ. އަނެއް ދެ ރެކޯޑަކީ ފަސް ކިލޯމީޓަރު ދުވުމާއި ހާފް މެރެތަން ރެކޯޑެވެ.
މަރީ އަކީ އެހެން ދުވުންތެރިންނާ ހިލާފަށް ވަރަށް ފަހުން ދުވުމުގެ ތެރެއަށް ވަން އެތުލީޓެކެވެ. އެކަމަކު ފިޓްނަސް އިންސްޓްރަކްޓަރަކަށް މަސައްކަތްކުރާ މަރީ މީގެ ހަތަރު އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަދެ އެތުލެޓިކްސްގައި ރޯޑް ރޭސްތަކަށް ހާއްސަ ފަސް އިވެންޓުގެ ގައުމީ ރެކޯޑުގެ ހައްގުވެރިކަން ވަނީ ހޯދައިފަ އެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ.