ބާލިން މެރެތަންގައި އިއްޔެ މަރިޔަމް އަބްދުލްކަރީމް (މަރީ) ރާއްޖޭގެ މެރެތަން ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ދުވި ނަމަވެސް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) ގެ މިންގަނޑުން ބެލިއިރު އޭނާގެ ޓައިމިން ކުރީގެ ރެކޯޑާ ވީ އެއްވަރެވެ.
ރޭހުގެ ސްޓާޓިން ޕޮއިންޓުން ފެށިގެން ނިމުމާ ހަމަޔަށް މަރީ ދުވެފައިވަނީ 3 ގަޑި 20:22 މިނެޓުންނެވެ. އެކަމަކު އައިއޭއޭއެފް އިން ބަލަނީ ރޭސް ފަށަން ބަޑި ޖަހާ ހިސާބުން ފެށިގެން އެ ދުވުންތެރިޔަކު ރޭސް ނިންމިއިރު ދުވެފައިވާ ވަގުތަށެވެ. އެގޮތަށް ބެލިއިރު މަރީގެ ޓައިމިން އަކީ 3 ގަޑި 30:32 މިނެޓުންނެވެ. އެއީ އޭނާ މާޗު މަހު ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި ދުވެ ގައުމީ ރެކޯޑް އާކުރި ޓައިމިން އެވެ.
އައިއޭއެއެފް މިންގަނޑުން މަރީގެ ޓައިމިން ލަސްވީ ބަޑި ޖަހާ ހިސާބުން ފެށިގެން ދުވަން ފަށައި ބޮނޑިވެފައިވާ ތިބޭ ދުވުންތެރިންގެ ތެރެއިން ސްޓާޓިން ޕޮއިންޓާ ހަމަޔަށް ދިއުމަށް ނެގި ވަގުތުކޮޅާ އެކު އެވެ. އެންމެ ސިކުންތެއް އަވަސްވި ނަމަވެސް އޭނާ އަށް ރެކޯޑް އާކުރެވުނީހެވެ.
ރެކޯޑް ވެރިފައިކުރުމަށް އައިއޭއޭއެފް އިން ގެންއުޅޭ އެ މިންގަނޑަކީ ބައެއް ދުވުންތެރިންނަށް ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެކެވެ. ސަބަބަކީ ދުނިޔޭގެ ފެންވަރުގެ މި ފަދަ މެރެތަންތަކުގެ ސްޓާޓިން ލައިނުގެ އެންމެ ކުރިން ޖާގަ ލިބޭނީ ވަރަށް ޓައިމިން ރަނގަޅު ދުވުންތެރިންނަށް ކަމަށް ވުމެވެ. އެހެންވެ ފަހަތުން ޖާގަ ލިބޭ ދުވުންތެރިންނަށް ރެކޯޑް ހަދަން ހުރަސް އެޅެ އެވެ. އެކަމަކު މެޓް ޓައިމިން އަށް ބަލައިފި ނަމަ ކޮންމެ ދުވުންތެރިޔަކަށް ވެސް ހަމަހަމަ ފުރުސަތެއް އޮންނާނެ އެވެ.
އެތުލެޓިލްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މެޓް ޓައިމުގެ ބަދަލުގައި ގަން ޓައިމް ބެލުމަކީ ޑިސްއެޑްވާންޓޭޖެއް ކަމަށް ގަބޫލުކުރައްވާ އެކަމުގައި ވަރަށް ގިނަ ގައުމުތަކުން މައްސަލަ ޖައްސަމުން އަންނަ ކަމަށެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އެކަން ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
މަރީ އެންމެ ފުރަތަމަ މެރެތަން ރެކޯޑް ހެދީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގަ އެވެ. ހުޅުމާލޭގައި 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެމްޓީސީ މެރެތަންގައި ޒުލޭހާ އަލީ 3 ގަޑި 48 މިނެޓުން ހެދި ރެކޯޑް އޭނާ މުގުރަލީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 3 ގަޑި 34:24 މިނެޓުން ދުވެގެންނެވެ. ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި 3 ގަޑި 30:32 މިނެޓުން ދުވެގެން އެ ރެކޯޑް އާކޮށް އޭނާ އަށް ވަނީ ރޭހުގެ އަންހެން ބައިގެ ތިން ވަނަ ހޯދައިފަ އެވެ.
ކަސްރަތު އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަމުން ހުސް ވަގުތު ދުވާ އުމުރުން 43 މަރީ ދުވުމުގެ ތެރެއަށް ވަންތާ ހަތަރު އަހަރުވީ އޭނާ ވަނީ އެތުލެޓިކްސްގައި ރޯޑް ރޭސްތަކަށް ހާއްސަ ފަސް އިވެންޓުގެ ގައުމީ ރެކޯޑުގެ ހައްގުވެރިކަން ހޯދައިފަ އެވެ. އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) އެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭއެޗް ސްޕޯޓްސް އެކަޑަމީން ތަމްރީންވާ މަރީ ދަތުރުކޮށްފައިވާ ހިސާބަށް ދިވެހި އެހެން ދުވުންތެރިޔަކަށް ދެވިފައެއް ނުވެ އެވެ.
ދާދި ފަހުން އޮތް ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ދުވި މަރީ އަކީ ގައުމީ އެތުލެޓިކްސް މުބާރާތުގެ ޗެމްޕިއަނެއް ވެސް މެ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މަރީ ވަނީ 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. މި އަހަރުގެ މުބާރާތުގެ 5000 މީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދި އެވެ.