ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް އަލުން ރުޖޫއަވާން ދިވެހިން ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ތަރުޖަމާނު އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު މާރިޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ، އިއާދަ ވާނީ 2013 ވަނަ އަހަރުން 2018 އަށް އޮތް އަނިޔާވެރި ވެރިކަން ކަމަށެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅު ކެމްޕެއިނުގެ ތެރެއިން ގެންދަނީ ސިޔާސީ ވެރިން ހައްޔަރުކުރާނެ ކަމުގެ ބިރު ދައްކައި އިންޒާރު ދެމުން ކަމަށެވެ. އަދި އެ ޕާޓީއަކީ އެކަމުގެ މާޒީ އޮތް ބައެއް ކަމަށާއި އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަށް ހުންނެވި ކާނަލް މުހައްމަދު ނާޒިމް ވެސް ހައްޔަރުކޮށްފައިވަނިކޮށް ދޫކޮށްލީ މި ސަރުކާރުން ކަމަށެވެ.

"އަނިޔާވެރިކަމާއި ބިރުވެރިކަމާއި ހަރުކަށިކަމަށް އަޅުގަނޑުމެން ދެން މުއިއްޒު އަތުވެއްޖެ ކަމަށް ވަންޏާ ވާނީ، އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެން އެއްބުރުން މި އިންތިހާބު ނަގާތަން،" އެ ދުވަސްތައް އިއާދަވާން ދިވެހިން ނޭދޭ ކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް މުއިއްޒަށް ފާޑުވިދާޅުވަމުން ގެންދަވަނީ ވެސް އެ ދުވަސްތައް ހަނދާން ކޮށްދިނުމުގެ ގޮތުން ކަމަށް މާރިޔާ މިއަދު ވިދާޅުވި އެވެ.

މިއަދު ވެސް މާރިޔާ ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައި ކުރެއްވި މަސައްކަތްތަކުގެ ފެންވަރު ދަށް ވާހަކަ އާއި އޭރުގެ ސަރުކާރުގައި ހިނގި ބައެއް ހިޔާނާތްތަކުގެ ވާހަކަ ނޫސްތަކުން ދެއްކެވި އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ނޯޓުކޮޅާ ހަވާލާ ދެއްވައި އިއްޔެ މާރިޔާ ވަނީ މުއިއްޒު މިހާރުން ފެށިގެން ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.