އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދި ޑިންގީ މިރޭ ފެނިއްޖެ އެވެ. އެއިން ދަތުރުކުރި އެކަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ޑިންގީ ފެނުނީ ފ. ހިމިތި އާ ތިން މޭލު ދުރުން، އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސީ އެންބިއުލާންސަށް މިރޭ 8 ޖަހާކަން ހާއިރު ކަމަށެވެ. އަދި އެއިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

ޑިންގީ ގެއްލުނުކަން އެމްއެންޑީއެފަށް އެނގުނީ މިއަދު ފަހެއް ޖަހާކަން ހާއިރު އެވެ. އެވަގުތުން ފެށިގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށި އެވެ.

ފުލުހުން ބުނީ އެ ޑިންގީ ކަފު ޖަހައިގެން މިހާރު ފީއައްޔަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގައި ތިބި މީހުން އެމްއެންޑީއެފުން ވަނީ ފީއައްޔަށް ގެންގޮސްފަ އެވެ.