އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އިއުލާނަކާ އެކު މިއަދު އާންމުކުރި ފޮޓޯތަކުން ފެންނަނީ ހިތްދަތި މަންޒަރެކެވެ. ރާއްޖޭގެ ކަނޑުތަކުން ފެންނަ އެންމެ ބޮޑު އަދި އެންމެ ރީތި ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމަޑިތަކެއް ހުރީ ކަނޑު އުޅަނދުފަހަރުގެ ވާތަކުގައި ހައްޔަރުވެފަ އެވެ.

މާބޮޑު ވިސްނުމެއް ނެތި ކުރެވޭ ކަމެއްގެ ސަބަބުން މި ދިރުންތަކަށް ނުރައްކާ ބޮޑުވަމުން ދާތީ އީޕީއޭ އިން އިއުލާނަކުން އެކަން ސަމާލުކަމަށް ގެނެސް އެދުނީ މަޑިތަކަށް ނުރައްކާ ކުޑަކޮށްދިނުމަށެވެ.

އީޕީއޭ އިން ބުނީ މިގޮތަށް މަރުވާ ކަމަށް އާންމުކޮށް ފާހަގަވެފައިވާ އެންމަޑީގެ ދެ ބާވަތަކީ "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. މިއީ ހިމާޔަތްނުކޮށްފި ނަމަ ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ މިންވަރަށް އާބާދީ މަދުވެފައިވާ ބާވަތެކެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މަޑިތައް ހައްޔަރުވެފައި ހުންނަނީ ވަލުގައި މަޅިއެއްހެން ޖާގައެއް ލާފައި ހުންނަ ތަންތަނުގަ އެވެ. ކަނޑުގައި މަޑި ދަތުރުކޮށްފައި ދާއިރު އެ މަޅީގެ ތެރެއަށް ވަދެ ތާށިވަނީ އެވެ. އެހެންވެ އީޕީއޭ އިން ވަނީ އެހެން ދޫކޮށްފައި ހުންނަ ވާތަކުގައި އެގޮތަށް ޖާގަ ނުލައި، އަދި ދުރަށް ފެންނަ ގޮތަށް ބެހެއްޓުމަށް އެދިފަ އެވެ.

"އުޅަނދުތައް އަޅަން ވާ ދޫކުރާ އިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ހުސް ޖާގަ ނުހުންނަ ފަދައިން އަމަލުކުރަން އަޅުގަނޑުމެން އިލްތިމާސްކުރަން. އަދި އެ ވާގަނޑުތައް ފަސޭހައިން ފެންނާނެ ގޮތަށް ކަންތައް ކުރަން ވެސް އަންގަން،" އީޕީއޭ އިން ބުންޏެވެ.

ވަލެއްގައި ތާށިވެފައިވާ މަޑިއެއް. -- ފޮޓޯ: މަންޓާ ޓްރަސްޓް
ވަލެއްގައި ތާށިވެފައިވާ މަޑިއެއް. -- ފޮޓޯ: މަންޓާ ޓްރަސްޓް

ކޮންމެ އަހަރަކު ވެސް އެންމަޑިއާ އެކު ފީނަން އެތައް ޓޫރިސްޓުންނެއް ރާއްޖެއަށް އަންނާތީ މިއީ ރާއްޖޭގެ ތިމާވެށީގެ އިތުރުން އިގްތިސާދަށް ވެސް މުހިންމު ދިރުމެކެވެ. އަދި ދުނިޔެއިން ވެސް ވަރަށް މަދު ތާކުން ނޫނީ އެ މަންޒަރުތައް ނުފެންނާތީ މިއީ ރާއްޖޭގެ ގުދުރަތީ ވަރަށް ހާއްސަ ސިފައެއް ކަމަށް ވެސް ބެލެވެ އެވެ.