ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމުގައި އަނބު މަޖާ ހެދުމުގެ ފޯރި ގަދަ އެވެ. އެކަމަކު މިފަހަރު ހަމަ އަސްލަށް ވެސް އަނބު މަޖާ ހެދުން ދިވެހިންނަށް މިވީ ބޮޑު މަޖާގަނޑަކަށެވެ. ޓިކްޓޮކް ޓްރެންޑް ފޮލޯކުރާ މީހުން އަޅައިގަތް އަނބު ތަޅާ ވީޑިއޯއަކާ ހެދި އެވެ.

ސްރީ ލަންކާގެ ކެއުންތައް ޓިކްޓޮކްގައި ޕޯސްޓްކުރާ އަންހެނަކު އާއްމުކުރި ވީޑިއޯގައި ފެންނަނީ އެއްޗަކަށް މިރުހާއި ލޮނާއި އަޅައި އަނބުތައް ތަޅައިގެން ކާ ތަނެވެ. މަޖާ ހަދަން އަވަސް އަދި ފަސޭހަ މި ގޮތް ގިނަ ބަޔަކަށް ކަމުދިޔައީ އެވެ.

މި ޓްރެންޑް ފޮލޯކުރަން ކޮތަޅު ތެރޭގައި އަނބު ތަޅަމުން ގޮސް މިހާރު ތަޅައިގެން ނުކާ އެއްޗެއް މަދެވެ. ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކްގައި އޮތީ އެކި އެއްޗެހި ކޮތަޅަށް ލައި ތަޅައިގެން ކާ ވީޑިއޯތަކެވެ.

އެއްބަޔަކު ތެޅިއަނބު ހަދައިގެން ކާއިރު، އަނެއްބަޔަކު ގޮބާއި ކުންނާރާއި ބިލަމަގު ތަޅައިގެން ކަނީ އެވެ. ތެލުލި ބަނބުކޭލާއި ނޫޑްސް ޕެކެޓާއި ބިސްކޯދު ޕެކެޓް ވެސް ކޮތަޅުގައި ފުނޑުކޮށްފި އެވެ. މި ޓްރެންޑަށް ފާޑުކިޔަން، ކޮތަޅަކަށް ބަތް އަޅައިގެން ތަޅާ ވީޑިއޯއެއް ވެސް ވައިގައި ހިފީ އެވެ.

މި ޓްރެންޑް ފޮލޯކުރަން އެކަކު އަނބު ކޮތަޅެއް ސައިކަލުގައި އައްސައިގެން މުޅި ރަށް ވަށައި ބުރު ވެސް ޖަހައިފި އެވެ.

ދިވެހިންގެ ތެރޭގައި ކަމެއް ވައިގައި ހިފައިފި ނަމަ، އެކަމެއް އެކި ގޮތްގޮތަށް ކޮށް އަދި އެއަށް މީމްސް ހަދައި އުޅެ އެވެ.

އަނބު މަޖާ ހެދުން މިފަހަރު މިއޮތީ އަސްލަށް ވެސް ބޮޑު މަޖާގަނޑަކަށް ވެފަ އެވެ. އެކަކަށް ވުރެން މަޖާކޮށް، ފޯރީގައި އަދިވެސް ވީޑިއޯތައް ހަދަނީ އެވެ.