މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމް "މަލިކާ" ގެ ވަދާއީ ތިން ޝޯ މި މަހުގެ 16، 17 އަދި 18 ގައި ދައްކަން ނިންމައިފި އެވެ.

"މަލިކާ" ގެ ޓީމުން ބުނީ ޝޯގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށެވެ.

އަހުމަދު ނާސިރު (މައްލާ ނާބެ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކުރި "މަލިކާ" އަކީ މި އަހަރު އެޅުވި ފުރަތަމަ ފިލްމެވެ.

ފިލްމަށް އާންމުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިފައި ވާއިރު، ރަށްރަށުގައި ވެސް ފިލްމް އަންނަނީ ދައްކަމުންނެވެ. މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް، އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އާއިލީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ މަލިކާ" އަކީ ފިލްމީ ދާއިރާ އަށް އާ ބަތަލާއަކު ވެސް ތައާރަފުކޮށްފައިވާ ފިލްމެކެވެ. އެއީ ފިލްމުގެ ޓައިޓްލް ރޯލް ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

އޭނާއާ އެކު ފިލްމުން މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފެނިގެން ދެ އެވެ.