ފިލްމަކަށް އިންވެސްޓް ކުރަން ޖެހިލުންވާ ވިޔަފާރިވެރިންނަށް މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވާން ބޭނުންވާ ވާހަކައެއް އެބައޮތެވެ: "ހަމަ އެއްގޮތަކަށް ވެސް ބިރު ގަންނާނެ ކަމެއް ނެތް ފިލްމަށް އިންވެސްޓްކުރާކަށް. އެހެން ވިޔަފާރިވެރިން ވެސް ފިލްމުތަކަށް ހަމަ ހޭދަކުރަންވީ. މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ރަނގަޅު ފައިދާއެއް ނެރެވިދާނެ ކަމެއް."

ރޭ އޮލިމްޕަހުގައި އެޅުވި "މަލިކާ" އަކީ ގިނަ އަހަރުތަކަކަށް ފަހު ނާބެ އަނެއްކާ ވެސް ޕްރޮޑިއުސް ކުރެއްވި ނުވަތަ ފައިސާ ހޭދަ ކުރެއްވި ފުރަތަމަ ފިލްމެވެ. އޭގެ ކުރިއަށް ޖެހިލާއިރު، މީގެ 15 ވަރަކަށް އަހަރު ކުރިން ނާބެ ވަނީ ފިލްމާއި މިއުޒިކީ ދާއިރާ އަށް އެތައް ބައިވަރު ފައިސާއެއް އޮއްސާލައްވައި، އެއިން ލަނޑު ވެސް ލިބިފަ އެވެ. އެކަމަކު އެއީ މާޒީ ކަމަށް ވިދާޅުވެ، "ކޮންމެ ފަހަރަކު އެހެން ނުވާނެ" ކަމަށް ބައްލަވައި، އަނެއްކާ ވެސް ދީލަތިކަމާ އެކު ދެ އަތް ހުޅުވާލެއްވީ ނާބެގެ އެހެން އެދުމެއް ވެސް އޮވެގެންނެވެ.

"އަޅުގަނޑު ބޭނުންވަނީ މި ދާއިރާ އެހެން ލެވެލަކަށް ދާން،" މިހާތަނަށް ފަސް ފިލްމެއް ޕްރޮޑިއުސް ކުރައްވައި، އެތައް ބައިވަރު ލަވަ އަލްބަމެއް އުފެއްދެވި ބޮޑު ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "ކޮންމެވެސް ބަޔަކު އެކަން އެބަ ކޮށްދޭން ޖެހޭ."

ފިލްމީ ދާއިރާ ތައްޔާރުވާށެވެ! ނާބެ ހުންނެވީ ރަނގަޅު ސްކްރިޕްޓްތަކަށް ފަންޑު ކޮށްދެއްވަން ތައްޔާރަށެވެ. އޭނާ ވިދާޅުވަނީ މި އަހަރު ވެސް ދެތިން ފިލްމެއް ޕްރޮޑިއުސް ކުރެއްވުމުގެ ވިސްނުމެއް އެބަ ގެންގުޅުއްވާ ކަމަށާއި ބޮޑެތި ތަފާތު ފިލްމުތައް ހަދަން ޝައުގުވެރިވާ ފަންނާނުންނަށް އޭނާ އެހީތެރިވެދެއްވަން ކުރީ ސަފަށް ނުކުމެ ހުންނެވި ކަމަށެވެ. އެކަމަކު ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރު ޝަރުތުތަކަކާ އެކު އެވެ!

ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އިތުރު ފިލްމުތައް އުފައްދަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އިތުރު ފިލްމުތައް އުފައްދަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"[ފިލްމު އުފައްދާ މީހުން] އިޚުލާސްތެރިވާން ވާނެ. މިކަން ކުރަން ބޭނުންވެގެން މިކަމާ ސީރިއަސްކޮށް އުޅެން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑު މިކަމުގައި އެހީ ދޭނީ،" ރިސޯޓާއި ޝިޕިން ދާއިރާގެ އިތުރުން އާންމު ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ ލިލީ އެންޓަޕްރައިސަސްގެ ޗެއާމަން ވިދާޅުވި އެވެ. "ރަނގަޅު އެގްރިމެންޓްތަކެއްގެ ދަށުން މިކަަން ނުކުރަންވީ ސަބަބެއް ހަގީގަތުގައި ނެތް. އަޅުގަނޑު ބޭނުންވަނީ މި ފަންނު ކުރިއަރައިދާން. ފިލްމީ ތަރިން މި ނޫން ދަރަޖައަކަށް ގެންދަން. މިކަން ކުރެވޭނީ އަޅުގަނޑަކަށް ނޫން. މިކަން ކުރަން ތިބީ މި ދާއިރާގެ މީހުން. އެ މީހުން މިކަމަށް ތައްޔާރު ނަމަ އަޅުގަނޑު ވެސް ތައްޔާރު."

މާޒީގައި ކަންތައްތައް ވެފައި ހުރި ގޮތަކީ ވަރަށް ބޮޑު އިބުރަތެއް ކަމަށް ނާބެ ވިދާޅުވި އެވެ. އެހެން ނަމަވެސް، "ކަމެއް ވެދާނެ، ފިލްމެއް ލަސް ވެސް ވެދާނެ. އެ ނޫން ކަމެއް ވެސް ވެދާނެ. އެކަމަކު ހައްލެއް އޮންނަން ވާނެ" ކަމަށް ވިދާޅުވެ، ނާބެ ވިދާޅުވީ "މި ދާއިރާގައި މައްސަލައަކީ އެކަންކަމަށް ހައްލެއް ނެތުން" ކަމަށެވެ.

"އެކަހަލަ މައްސަލައެއް ދިމާވީމަ މި ދާއިރާގައި ދެން އޮންނަ ޗޮއިސް އަކީ ކޯޓު. ފިލްމީ ދާއިރާގެ ބަޔަކު ގޮވައިގެން ކޯޓަށް ދިއުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އޭރުން އަޅުގަނޑަށް ވެސް އެ މީހުންނަށް ވެސް ހުތުރު،" ނާބެ ވިދާޅުވި އެވެ. "ޚަރަދުކުރާ މީހާ އަށް ބޮނޑިއެއް ދިނުމުގެ ބޭނުމުގައި، އެ ނިޔަތް އޮވެގެން ފިލްމެއްގެ ވާހަކަ ދައްކައިގެން ނުވާނެ."

"މަލިކާ" ގެ ޕޯސްޓަރެއްގައި ނުޒޫ އާއި ޖުމަލް: މި ފިލްމް ރޭ ވަނީ ދައްކަން ފަށައިފައި
"މަލިކާ" ގެ ޕޯސްޓަރެއްގައި ނުޒޫ އާއި ޖުމަލް: މި ފިލްމް ރޭ ވަނީ ދައްކަން ފަށައިފައި

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މި ދާއިރާ ބޮޑު އިންޑަސްޓްރީއަކަށް ހެދިދާނެ ކަމަށް ނާބެ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެހާ ވެސް މޮޅު ހުނަރުވެރިން ފިލްމީ ދާއިރާގައި އެބަތިބި ކަމަށެވެ.

"ހަމަ ހައިރާންވާ ވަރުގެ ހުނަރުވެރި ތަރިން ވެސް އެބަތިބި. އެކަމަކު މި ދާއިރާ ރަނގަޅު ކުރަން ބޭނުން ނަމަ އަޅުގަނޑުމެންގެ ފިލްމީ ތަރިންް އެބަ ޖެހޭ އެ މީހުންގެ ބައެއް ކަންކަން ތަންކޮޅެއް ރަނގަޅުކުރަން. އެ މީހުން ގަބޫލުކުރަން އެބަޖެހޭ އެ މީހުންނަކީ ކޮން ބައެއްކަން އަމިއްލަ އަށް ދަންނަން. މި ދާއިރާ އެހެން ލެވެލްއަކަށް ގެންދެވޭނީ މުޅި ދާއިރާގައި ކޮންމެވެސް ރީތި ސިފަތަކެއް ހިފަހައްޓައިގެން،" ނާބެ ވިދާޅުވި އެވެ. "އިންޑިއާ، އަދި އެންމެ ކައިރިން ލަންކާ އަށް ބެލިޔަސް އެތަންތަނުގައި ފިލްމީ ތަރިންނަކީ ގަދަރު ލިބިގެންވާ ބައެއް. ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެހެން ނުވާންވީ."

ނާބެ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ފިލްމީ ތަރިން ވެސް އެ ފެންވަރަށް ދާނެ ކަމަށެވެ. އަދި އުފައްދާ ފިލްމުތައް ގިނަވެ، މުޅި ދާއިރާ ހަލަބޮލިވުމާ އެކު ރަނގަަޅު އާމްދަނީއެއް ވެސް ފިލްމުތަކުން ނެރެވިދާނެ ކަމަށެވެ.

ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރަނގަޅު ސްކްރިޕްޓްތަކަށް ފަންޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރަނގަޅު ސްކްރިޕްޓްތަކަށް ފަންޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގިނަ އަހަރުތަކަކަށް ފަހު ނާބެ އައުމަކީ ފިލްމީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެކަމަކު މިވީ ހުރިހާ ދުވަހަކު ނާބެ މި ދާއިރާއާ ދުރުގައި ހުންނެވީ، ނާބެ ވެސް ވިދާޅުވާ ގޮތުގައި ވަރަށް ގިނަ މީހުންގެ ސުވާލެކެވެ. އެކަމަކު ވިދާޅުވަނީ، "އެއް އިރެއްގައި ވެސް ޝައުގުވެރިކަން ނުގެއްލޭ" ކަމަށެވެ.

"މި ވޭތުވެދިޔަ އަހަރުތައް މި ދިޔައީ ފިލްމު އުފައްދާ ކަހަލަ މާހައުލެއް ނެތި. ސިޔާސީ އެކިއެކި ކަންކަމުގެ ތެރޭގައި ރާއްޖޭގެ މަސްރަހު އޮތީ. މިހާރު މިއޮތީ މަސްރަހު ކުޑަކޮށް ހަމައަކަށް އެޅިފައި،" ނާބެ ވިދާޅުވި އެވެ. "މަލިކާގެ ސްކްރިޕްޓް އަޅުގަނޑުގެ އަތުގައި އޮންނަތާ ވެސް މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ. މި ފިލްމު ހަދަން އަޅުގަނޑު ނިންމައި، އިއްބެ (މަހުރަބު އިބްރާހިމް ރަޝީދު)އާ ވާހަކަ ދައްކައިގެން މީތި ކުރިއަށް ގެންދަން ނިންމީ ފުރަތަމަ އެއްޗެއްގެ ގޮތުގައި. މި ފިލްމު މުޅިން ނިންމައިފިން މިދިޔަ އަހަރުގެ ތެރޭގައި. އެކަމަކު އަޅުގަނޑުމެން ބެލީ ރަނގަޅު ދަނޑިވަޅެއްގައި ފިލްމު އަޅުވަން."

ނާބެ ވިދާޅުވީ، ފިލްމީ ދާއިރާ އަށް އަލުން ވެދެވަޑައިގަތަސް، އެކަމަށް އޭނާ އަށް އެންމެ އެކަށީގެންވާ ވަރަށް ވަގުތު ދެއްވެން ނެތް ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ފަރާތުން އެ މަސައްކަތުގައި އިއްބެ ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްބެ އަކީ އަޅުގަނޑު ވަރަށް އިތުބާރުކުރާ އަޅުގަނޑުގެ ވަރަށް ގަތް ރައްޓެއްސެއް. 'މަލިކާ' ވެސް މި ޕްްރޮޑިއުސް ކުރަނީ އަޅުގަނޑުމެން ދެ މީހުންް."

މިހާރު ވެސް ދެތިން ފިލްމެއްގެ ވާހަކަ ލިޔުމުގެ މަސައްކަތް ބިންމާ އިބްރާހިމް ވަހީދު ލައްވައި ކުރިއަށް ގެންދަވާ ކަމަށާއި އެ ވާހަކަތަކުގެ ކޮންސެޕްޓަކީ ވެސް ނާބެގެ ކޮންސެޕްޓްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފިލްމަކުން އަޅުގަނޑު ބޭނުންވަނީ މެސެޖްތަކެއް ދޭން. މަލިކާ އަކީ ވެސް އަޅުގަނޑަށް ހަމަ ޔަގީން ވަރުގަދަ މެސެޖްތަކެއް ލިބޭނެ ފިލްމެއް ކަން،" ނާބެ ވިދާޅުވި އެވެ.

ފިލްމީ ދާއިރާ ދޫކޮށްލުމުގެ އެއްވެސް ޚިޔާލެއް ނާބެގެ ނެތެވެ؛ އެކަމަކު އޭނާ ވެސް ވިދާޅުވިހެން މި ދާއިރާގައި އިޚުލާސްތެރިން ގިނަވާން އެބަޖެހެ އެވެ. އޭރުން ފިލްމީ ދާއިރާ އަށް "މޮޔަވެދާނެ" އެހެން ވިޔަފާރިވެރިން އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ނާބެ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ކޮންމެ ވިޔަފާރިއަކީ ވެސް ރިސްކެއް. އެކަމަކު އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރަނގަޅު އެގްރިމެންޓްތަކެއް ހަދައިގެން ކީއްވެގެންތޯ މިކަން ވަކި ނުކުރެވޭންވީ. އަޅުގަނޑު ދަންނަވާނީ މި ދާއިރާ އަށް އިންވެސްޓްކޮށްގެން އެހެން ބައެއް ވިޔަފާރިތަކަށް ވުރެ ވެސް ރަނގަޅު ފައިދާއެއް ނެރެވިދާނެއޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ނާބެ ވިދާޅުވި ގޮތުގައި ފިލްމުތަކަށް އޭނާ އިންވެސްޓް ކުރައްވަނީ ކޮންމެހެން ބޮޑު ފައިދާއެއް ހޯދުމުގެ ނިޔަތެއްގައެއް ނޫނެވެ.

ކޮންމެ ވިޔަފާރިއަކީ ވެސް ރިސްކެއް. ރަނގަޅު އެގްރިމެންޓްތަކެއް ހަދައިގެން ކީއްވެގެންތޯ މިކަން ވަކި ނުކުރެވޭންވީ.

"މަލިކާ އިން ގެއްލުން ވެސް ވެދާނެ. ކުރި ޚަރަދު ވެސް ނުލިބި ހިނގައިދާނެ. އަނެއްކޮޅުން ވަރަށް ބޮޑު ފައިދާއެއް ވެސް ލިބިދާނެ. އެކަމަކު މި މަސައްކަތް ޝެޑިއުލާ އެއްގޮތަށް ނިމި މީހުންނަށް ބަލަން ފިލްމެއް ލިބުން އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިހެން ގިނަ ފިލްމުތަކެއް ހަދަން ފެށީމަ އެނގިވަޑައިގަންނަވާތޯ ދެން ވާނެ ގޮތެއް، އޭރުން ފިލްމު ބަލާ މީހުން ގިނަވެ އިތުރު އިންވެސްޓްމަންޓްތައް އަންނާނެ،" ނާބެ ވިދާޅުވި އެވެ.

އެކަމަކު ކުރިން ގޮތަށް ފިލްމީ މަސައްކަތްތައް ކުރަން ކުންފުންޏެއް ހަދައި، އަގުބޮޑެެތި ސާމާނު ގެނެސް ސްޓޫޑިއޯތަކަކަށް އިންވެސްޓް ކުރައްވަން ނާބެ ބޭނުމެއް ނޫނެވެ. ވިދާޅުވީ "އެއީ ދެން ނުކުރާނެ ކަމެއް" ކަމަށެވެ.

"އެކަމަކު ރަނގަޅު ފިލްމުތަކެއް ހަދަން ބޭނުންވާ ފަރާތްތަކުން ހަމަ އަންނަންވީ. މިހާރު ވެސް ރާއްޖޭގެ ވަރަށް ވަރުގަދަ ޑައިރެކްޓަރަކާ އަޅުގަނޑު މި ދަނީ ވާހަކަ ދައްކަމުން އޭނާ އިއުލާންކޮށްފައިވާ ފިލްމަށް އިންވެސްޓް ކުރަން،" ނާބެ ވިދާޅުވި އެވެ.

ނާބެ ތައްޔާރެވެ! ފިލްމުތައް އުފައްދަން ބޭނުން ނަމަ މި ދާއިރާ އަށް ހަގީގަތުގައި ބޭނުންވަނީ ރަނގަޅު އިންވެސްޓަރުންނެވެ. ހިތުން ރުހުމުން ނާބެ ކަހަލަ ވިޔަފާރިވެރިން މި ދާއިރާ އަށް ޝައުގުވެރިވާ ނަމަ އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހެ އެވެ. އެފަދަ ވިޔަފާރިވެރިން އަނެއްކާ ވެސް ފޫހިކޮށްލައިގެން ނުވާނެ އެވެ.