މި އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ ކޮންޓްރޯލް އެމްޑީޕީ އަށް ގެއްލުނު ސަބަބުތަކަށް ބަލައި ޕާޓީގެ ގްރާސްރޫޓުން މި ފަހަރު ނިންމީ އެ ޕާޓީ ބައިބައިކޮށް، ނެތިކޮށްލުމުގެ ފުރުސަތު ނުދޭން ކަމަށް މާލޭ ރައީސްކަމަށް ހޮވި ކުރީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ މާލެ އިން މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުނީ ކައުންސިލްގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމަށް ދިން ތަނެވެ. އެމްޑީޕީގެ ސިޔާސީ ހަޔާތުގައި މާލެ އިން މިހާ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި ސަބަބަތަކުގެ ތެރޭގައި މާލޭގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އެދޭ ގޮތަށް ކަންކަން ނުދިއުން ހިމެނޭ ކަމަށް އޭރު ޕާޓީގެ ލީޑަޝިޕުން ވެސް ބުނެފައިވެ އެވެ.
އެމްޑީޕީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި އެންމެ ވާދަވެރި ގޮނޑިއަކީ ވެސް މާލެ ދާއިރާގެ ރައީސް ކަމެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކު ނުކުންނެވި ޝިފާއާ ވާދަކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
ޝިފާ "މިހާރު" އަށް ވިދާޅުވީ މި އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އަކްރަމްއާ ދެކޮޅަށް ނުކުމެ އޭނާ އަށް ވޯޓު ދިނީ އެމްޑީޕީގެ ގްރާސްރޫޓްގެ މީހުން ކަމަށެވެ. ސަރުކާރު ހިނގަމުންދާ ގޮތާ މެދު އެ މީހުންގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށާއި ގޯހުން ގޯހަށްދާ ކަންކަން ރަނގަޅުކުރަން އެ މީހުން ބޭނުންވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޕާޓީގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ބޭއްވި އިންތިހާބުގެ މޮޅަކީ އެމްޑީޕީ ކުރިއަށް ދާންވީ މިސްރާބު ގްރާސްރޫޓުން ސާފުކޮށްދިނުން ކަމަށް ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގްރާސްރޫޓުން ނުކުމެ ގިނަ ވާހަކަތަކެއް ބުނެދިން އިރު އެންމެ ވަރުގަދަ މެސެޖަކީ "ޕާޓީ ނެތިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތެއް ނެތް" ކަމެވެ.
އެއާއެކު މާލެ އިން ބުނެދިނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ މައި ޕާޓީގެ ގޮތުގައި އޮވެ އުފެއްދި ސަރުކާރާ، އެމްޑީޕީގެ އާއްމު މެމްބަރުންނާ ދުރުވެއްޖެ ކަމެވެ. ސަރުކާރު މުޅިން ބީރައްޓެހިވެ، އެމްޑީޕީގައި ޑިމޮކްރަސީއަށް މަސައްކަތްކޮށް އަނިޔާ ތަހައްމަލްކުރި މީހުން ބާކީވެފައި ތިބި ކަން ކަމަށް ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުން ބުނަނީ ދުރުވީ ސަރުކާރޭ، އެމްޑީޕީއެއް ނޫން،" ޕާޓީގައި ދެ ފެކްޝަނެއް އޮތް ކަމަށް ފަތުރަނީ މީޑިއާ އިން ކަމުގެ ތުހުމަތާ އެކު ޝިފާ ވިދާޅުވި އެވެ.
އިންތިހާބު ނިމުނު އިރު ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަންގަވައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނާކާމިޔާބުވެއްޖެ ކަމަށް ދައްކާ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވައި ޝިފާ ވިދާޅުވީ އެ ވާހަކަތަކުގެ ވެސް ބޭނުމަކީ ޕާޓީ ބައިބައިކުރުން ކަމަށެވެ.
އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނެވި މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަކަށް ޝިފާ ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީ އެކަހެރިވެ ކޯލިޝަން އެހެން ޕާޓީތަކުގެ ބާރުގަދަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އެތައް މަގާމެއް، 5،000 މެމްބަރުން ހަމަނުވާ ޕާޓީއަކުން ކޮންޓްރޯލް ކުރުމަކީ ވެސް ނުރުހުން އޮތް ކަމެއް ކަމަށް ޝިފާ ވިދާޅުވި އެވެ. ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ގިނައީ ކޯލިޝަން ޕާޓީތަކުގެ މެމްބަރުންނަށް ވާތީ އެމްޑީޕީ އާއި ސަރުކާރާ ދެމެދު އޮންނަން ޖެހޭ ގުޅުން ނޯންނަ ކަމަށް ވިދާޅުވި އެވެ.
"ކިތަންމެ ބޭނުންވިޔަސް މާލޭގެ ރައްޔިތުން އެ ތިބީ އެ މީހުން މި ހުރިހާ ދުވަހަކު ކުރި މަސައްކަތް، 3-4 ކޯލިޝަން ވެރިންނޭ ކިޔާފައި އަންނަ ބަޔަކު ފައިންތަޅާ ބޯޅަގަނޑެއްހެން ހަދާލާކަށް ނޫން،" ޝިފާ ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ މާލެ އިން ވޯޓުލާން ނުކުތް ގިނަ މީހުންނަކީ ބޮމެއް ގޮއްވާލައިގެން ޕާޓީގެ ރައީސް ނަޝީދަށް ކުރި އަނިޔާއާ ދެކޮޅަށް ނުކުތް މީހުން ކަމަށެވެ. އެއީ ނުވާ ކަމަކަށް ހަދައިގެން ކުރިއަކަށް ނުދެވޭނެ ކަމަށާއި ވޯޓުގައި މާލޭގެ މީހުން ހާމަކޮށްދިނީ ނަޝީދަށް އޮތް ލޯތްބާއި އިންސާފު ބޭނުންވެފައި ތިބި ވަރު ކަމަށް ޝިފާ ވިދާޅުވި އެވެ.
"އެ މީހުން ނުކުމެ ވޯޓުލައި އަޅުގަނޑަށް މަސްއޫލިއްޔަތެއް ދީފި، ޒިންމާއެއް ހަވާލުކޮށްފި. މީހުން މަރާފައި ލާއިންސާނީ އަނިޔާކޮށްފައި ކަމެއް ނުވާ ކަމަކަށް ހަދައިގެން ތިބުން ބަލައިގަތުމާ ދެކޮޅަށް މަސައްކަތް ކުރުން."
ޝިފާ ވިދާޅުވި ގޮތުގައި ގައުމީ މަޖިލީސް ހަމައަކަށް އެޅުވުމުގެ ޒިންމާ ވެސް މި އިންތިހާބުގައި ހޮވުނު އެންމެންނާ އޮތީ ހަވާލުކޮށްފަ އެވެ.
"ހަމައެކަނި ތިމަންނާމެންގެ ވެރިކަމެއްގެ އާރާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ނޫން ކަން ކުރިއަށް ދެވޭނީ. ރައްޔިތު މީހާ ގޮވައިގެން ކަން ދެވޭނީ. މި ޕާޓީ ނުކުތީ ރައްޔިތު މީހާ ގޮވައިގެން ދާން. އޭގެ އަނެއްކޮޅު މި ފެންނަނީ." ޝިފާ ވިދާޅުވި އެވެ.
"ހަގީގަތުގައި ބަރުލަމާނީ ނިޒާމު އަންނަން ފުރުސަތެއް މި އިންތިހާބުން މި ލިބުނީ."
އެމްޑީޕީގެ އިންތިހާބެއްގައި މީގެ ކުރިން ނުފޫޒު ނުފޯރުވާހާ ވަރަށް މި އިންތިހާބުގައި ކަންކަން ގޯހުން ގޯހަށް ހިންގި ކަމުގެ ތުހުމަތު ވެސް ޝިފާ ކުރައްވަ އެވެ. ސަރުކާރު ފަޅިން އިންތިހާބަށް ނުފޫޒު ފޯރުވަން ހިންގި ކަންކަމުގެ ތެރެއަށް މީޑިއާ ވައްދައި، ވަޒީރުންގެ ކެމްޕެއިން ނޫން މަންޒަރެއް ނުދެއްކި ކަމަށް ޝިފާ ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިސާ ހުރި މީހުން މި އިންތިހާބަށް ބޮޑު ހޭދަތަކެއް ކުރި އެވެ. ޕްރޮޖެކްޓްތައް ވެސް "ވިއްކި" ކަމަށާއި އެކަމަކު އޭގައި ނުޖެހި އެމްޑީޕީގެ އާއްމު މެމްބަރުން ބޭނުންވީ އެމްޑީޕީ އޮތް ހާލަތުން އަރައިގަތުމަށް ކަމަށް ވިދާޅުވި އެވެ.