އެމްޑީޕީގެ ހަރުގޭގައި މިދިޔަ ހުކުރު ވިލޭރޭ ބޭއްވި ސިފާ މުހައްމަދުގެ ކެމްޕެއިން ހަރަކާތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގަތީ ދައުވަތު ދެއްވައިގެން ނޫން ކަމަށާއި އެއީ ބަޔަކު މީހުން ރާވައިގެން ކުރި ކަމެއް ކަމަށް ސިފާ މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލޭގެ ރައީސް ކަމަށް ވާދަކުރައްވާ ސިފާގެ ކެމްޕެއިން ހަރަކާތަށް ޖާބިރު ވަޑައިގެން ސިފާ ވާހަކަ ދެއްކެވި ވަގުތު ސްޓޭޖަަށް އަރައި އަޑުގަދަ ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ރޭ ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން ސިފާ "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާގެ ކެމްޕެއިންގެ ބައްދަލުވުމުގައި ޖާބިރު އަޑުގަދަ ކުރެއްވީ ބަޔަކު ފޮނުވައިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް. އަޅުގަނޑުމެންގެ އެއްވެސް ކެމެރާއެއް ނެތް ދިމާލަކުން އޭގެ ވީޑިއޯކޮށްގެން ބަޔަކު އާންމުކޮށްފައި ވެސް އެ ހެރީ." މާލޭގެ ކުރީގެ މޭޔަރު ސިފާ ވިދާޅުވި އެވެ.

އެއީ ބަޔަކު ހިންގި ވަރަށް ވިޔާނުދާ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިފާގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ބަޔަކު ގަސްދުގައި އެ މަންޒަރު "ކްރިއޭޓް" ކުރީ ކަމަށް ސިފާ ތުހުމަތުކުރައްވާއިރު، އެކަމުގެ ސަބަބުން ވަރަށް އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި މި ކަހަލަ ކަންތައް ހިނގާތީ އަޅުގަނޑު ހިތަށް އަރަނީ ކާކުބާއޭ މި ކަންތައް މި ކުރަނީ،" ސިފާ ވިދާޅުވި އެވެ.

ޖާބިރުގެ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވާއިރު އެކަމާ ގުޅިގެން ސިފާގެ ކެމްޕެއިން އޮފީހުން ވެސް ބަޔާނެއް ނެރުނެވެ. އޭގައި ބުނި ގޮތުގައި އެ އިވެންޓަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މާލޭގެ ކެންޑިޑޭޓުންނަށް ބޭއްވި އިވެންޓެކެވެ.

އިވެންޓު ފެށުނުތާ މާގިނަ އިރުތަކެއް ނުވެ އެތަނަށް ޖާބިރު ވަޑައިގެން އަޑުގަދަ ކުރައްވައި އެތަނުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރެއްވުމާ އެކު ވަގުތުން މައިކް ކަނޑާލައި ފުލުސް އޮފީހަށް ރިޕޯޓްކޮށްފައިވާ ކަމަށް ސިފާގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެ އިވެންޓުގައި ޖާބިރު ވާހަކަ ދެއްކެވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ މެމްބަރުންގެ އަރިހަށް ވަޑައިގަތުމުން އޭނާ އަށް ހިތްވަރު ދެއްވާ މަންޒަރު ވެސް ފެނުނެވެ. އަދި ޕޯޑިއަމްގައި ޖާބިރު ވާހަކަ ދެއްކެވި އިރު ވެސް އެ ތަނުގައި ތިބި އެމްޑީޕީގެ މެމްބަރުން އަތްޖަހައި، ހިތްވަރު ދިނެވެ.