ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑް ބައިވެރިނުވާތީ މާލޭ ލީގު ކޮލިފިކޭޝަން މުބާރާތް ކެންސަލްކޮށް، އަނެއް ހަތަރު ޓީމު އަންނަ އަހަރުގެ މާލޭ ލީގަށް އޮޓޮމެޓިކުން ކޮލިފައިވީ ކަމަށް އެފްއޭއެމުން ކަނޑައަޅައިފި އެވެ.

މާލޭ ލީގު ކޮލިފައިންގައި ވާދަކުރާގޮތަށް ހަމަޖެހިފައި އޮތީ ކުޑަހެންވޭރާއި ޒެފްރޯލްގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ކްލަބް އީގަލްސް އާއި ވިކްޓަރީ އާއި ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ. ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭއިރު ފުލަށްދާ ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. މުބާރާތް ކެންސަލްވުމާ އެކު އީގަކްސް، ވިކްޓަރީ، ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ އޮޓޮމެޓިކުން ކޮލިފައިވީ އެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހު ނުވަ ވަނަ ދުވަހު ފަށަން ނިންމާފައިވާ މާލޭ ލީގު ކޮލިފިކޭޝަން ބުރުގައި މާލީ ހާލަތު ދަށްކަމަށް ބަޔާންކޮށް ކުޑަ ހެންވޭރު ޔުނައިޓެޑާއި ޒެފްރޯލް ވަކިވެފައިވާތީ އެ މުބާރާތް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

ޒެފްރޯލާއި ކުޑަހެންވޭރު މުބާރާތުން ނަން ނެގުމުން އެ ޓީމުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ އެވެ.

މި ބަދަލާ އެކު އެފްއޭއެމުން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގެ މުއްދަތު ދިވެހި ކުޅުންތެރިންނަށް އިތުރުކޮށްދީފަ އެވެ. ދިވެހި ކުޅުންތެރިންގެ ޓްރާންސްފާގެ މުއްދަތު ހަމަވާނީ އަންގާރަ ދުވަހު މެންދުރު 2 ޖަހާއިރު އެވެ. އެހެން ނަމަވެސް ބިދޭސީ ކުޅުންތެރިންގެ ޓްރާންސްފާ މުއްދަތަށް ބަދަލު ގެނެސްފައިނުވާތީ އެ މުއްދަތު މާދަމާ 12 ޖަހާއިރު ހަމަވާނެ އެވެ.

އެފްއޭއެމުން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާ އެކު މި ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ ހަތަރަކަށް ދިޔަ މާޒިޔާ، ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ށ. މިލަންދޫގެ އަދި އއ. މާޅޮހެވެ.

އެނގިފައިވާ ގޮތުގައި މާލޭ ލީގުގެ ކޮލިފިކޭޝަން ނުކުޅޭ ގޮތަށް ހަމަޖެއްސުމުން ގިނަ ކުޅުންތެރިން މި ޓްރާންސްފާ ޕީރިއަޑްގައި ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ މާލޭ ލީގު ކޮލިފިކޭޝަންގައި ކުޅޭ ހަތަރު ޓީމުގައި ހިމެނޭ ޓީމުތަކަށް ދެން އޮންނާނީ ހަމައެކަނި އެފްއޭ ކަޕް ކަމަށް ވެފައި މާލީ ގޮތުން ބަލާއިރު ނޮކައުޓް މުބާރާތަކަށް ވިސްނާފައި އަހަރުގެ ބާކީ ބައި އެއްކޮށް ޓީމަށް ހަރަދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކްލަބްތަކަށް ނުފެންނާތީ އެވެ.