މާލެ ޖަލު ބަދަލުކުރުމަށް އާބަންކޯ އިން ކ. ހިންމަފުށީގައި ޖަލެއް ހަދައި ދީފި އެވެ.

އާބަންކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހިންމަފުށީގައި ހަދާ ޖަލުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގި މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މާލެ ޖަލު މިހާރު ހުރި ތަނާ ޖެހިގެން ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި، އަންނަ ދިރާސީ އާ އަހަރުގައި އެތަނުގައި ކިޔެވުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެހެންވެ، ސްކޫލް ފެށެންވާއިރަށް މާލެ ޖަލު އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މާލެ ޖަލު ބަދަލުކުރުމަށް އާބަންކޯ އިން ހިންމަފުށީގައި ހެދި ޖަލު.-- ފޮޓޯ: އާބަންކޯ
މާލެ ޖަލު ބަދަލުކުރުމަށް އާބަންކޯ އިން ހިންމަފުށީގައި ހެދި ޖަލު.-- ފޮޓޯ: އާބަންކޯ

"އެހެންވެ، ރައީސް އޮފީހުގެ އެދުމުގެ މަތިން އާބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެކެވެ،" އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ބުނި ގޮތުގައި، އެ އިމާރާތުގައި ހަތަރު ބްލޮކް ހުންނާނެ އެވެ. އަދި ކޮންމެ ބްލޮކެއްގައި 16 ގައިދީން ބެހެއްޓޭނެ އެވެ. ގައިދީން ބޭނުންކުރުމަށް 12 ފާހާނަ ހުންނާނެ އެވެ. އަދި މައި އިމާރާތުގެ ސްޓަރްކްޗަރާ އާއި ކަރަންޓުގެ މަސައްކަތާއި ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކުންފުނިން ވަނީ ކޮށްފަ އެވެ.

ޖަލުގެ މަސައްކަތްތައް ނިންމާ މިހާރު އެތަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާލެ ޖަލު ބަދަލުކުރުމަށް އާބަންކޯ އިން ހިންމަފުށީގައި ހެދި ޖަލު.-- ފޮޓޯ: އާބަންކޯ
މާލެ ޖަލު ބަދަލުކުރުމަށް އާބަންކޯ އިން ހިންމަފުށީގައި ހެދި ޖަލު.-- ފޮޓޯ: އާބަންކޯ

"އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި ހުޅުމާލެ އަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނު ކަމުގައިވީ ނަމަވެސް މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ،" އެ ކުންފުނިން ބުންޏެވެ.

މާލެ ޖަލު ހުސްކުރުމަށް އެތަނުގައި ކުރިން ހިންގި ކަރެކްޝަންސްގެ އޮފީސް ވެސް މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ހިންގާ ރޭޑިއޯ އިމާރާތުގެ ބަޔަކަށް ބަދަލުކޮށްފަ އެވެ.