މާލޭގެ ވިޔަފާރި ބަނދަލަށް ގެންނަ މުދަލުން، ފޯވާޑިން އެޖެންސީތަކާއި ޝިޕިން ލައިންތަކުން އިތުރު ފީ ނުވަތަ ޗާޖު ނަގަމުން ދާތީ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަންބޮޑުވެއްޖެ އެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފޯވާޑިން އެޖެންސީތަކާއި ޝިޕިން ލައިންތަކުން، އެ މުދަލުން ދަނީ ޓާމިނަލް ހޭންޑްލިން އަދި ޕޯޓް ޗާޖަސް ނަގަމުން ކަމަށެވެ. އަދި މުދަލުން ފްރައިޓް (ބޯޓުގައި މުދާ އުފުލަން ނަގާ އަގު) ނެގުމަށް ފަހު، ސްޓީވެޑޯރިން (މުދާ ބޭލުމަށް ނަގާ އަގު) ނަގައި، އިތުރަށް ހަމަ ސްޓީވެޑޯރިން ފީ ނަގާ ކަމަށް ވެސް ބުންޏެވެ.
އެމްޕީއެލުން ބުނިގޮތުގައި އެ ކުންފުނިން ނުނަގާ ފީތަކެއް، އެޖެންސީތަކާއި ޝިޕިން ލައިންތަކުން ނަގަނީ އެއީ ޕޯޓްސްއިން ނަގާ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ކަމަށެވެ.
"ކަނޑުމަގުން ރާއްޖެ އެތެރެ ކުރާ މުދަލުން ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ފީ ނެގުމަކީ އާއްމު ރައްޔިތުންނާ ހަމައަށް މުދާ ދާއިރު އޭގެ އަގު ބޮޑުވާނެ ކަމެކެވެ." އެމްޕީއެލްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެތަނުން ބުނީ އެ ކުންފުނީގެ އެތައް މަސައްކަތެއް ހަލުއިވެ، ކަނޑުމަގުން އެތެރެ ކުރާ މުދާ ބާލައި އަދި ކްލިއާ ކުރުމަށް ދިމާވި އުނދަގޫތައް އެއްކޮށް ހައްލުވެފައިވާތީ، ބޯޓުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުގެ އޮޕަރޭޓިން ކޮސްޓު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. އަދި ޕޯޓް ކޮންޖެންޝަން ޗާޖުގެ ގޮތުގައި ޝިޕިން އެޖެންސީތަކުން މިހާރު ފީ ނަގަން ޖެހޭ ސަބަބެއް ނެތުމުން، އެ ފީތައް ނުނެގުމަށް ވެސް އެ ކުންފުނިން ވަނީ ގޮވާލާފަ އެވެ.