މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އިން ހިންގި އިމާރާތް މަންދު ކޮލެޖާ ހަވާލުކުރުމަށް ފަހު ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި މަންދު ކޮލެޖަށް އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ހިންގި އިމާރާތް ސަރުކާރުން 2008 ވަނަ އަހަރު ދިނުމަށް ފަހު ޖެނުއަރީ، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެ އެވެ. އެ މައްސަލަ މާލެ ހައި ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައި އޮތީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.

އެކަމަކު މިދިޔަ އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަދި އެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން މާލެ ހައި ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ދައުލަތުންނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެއްބަސްވުމުގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދޫކުރަން ޖެހޭއިރު، އެ ހުއްދައަށް އެދި ހުށަހެޅުމުން ވެސް އެ ހުއްދަ ދީފަައިނުވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކުރީ އެ ހުއްދަތައް ނުދީ ސަރުކާރުން ތިބުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްބަސްވުމާ ޚިލާފްވީ މާލެ ހައި ކުންފުނިން ކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮތީ ދައުލަތަށް ކަމަށާއި އެކަމަކު ދައުލަތަށް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގި ކަމަށް ބުނެ ދައުލަތުން އެއްބަސްވުން ބާތިލްކުރީ ހަ އަހަރު ފަހުން ކަމަށާއި އެ މުއްދަތުގައި ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން އޭރު ހިންގީ ވެސް އިތުރު އެއްބަސްވުމެއްގެ ދަށުން އެމްއީއެސް ހިންގި އިމާރާތުގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ދައުލަތުން އެއްބަސްވުން ބާތިލް ކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމަށް ތާއީދު ކުރެއްވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.