މިދިޔަ ރޯދަމަހު ހިންގި "ދިރާގު ރޯދަ ޑޭޓާ ބަންޑަލް" އިން ލިބުނު ތިން ލައްކަ ރުފިޔާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަށް އެ ކުންފުނިން މިއަދު ހަދިޔާކޮށްފި އެވެ.
ދިރާގުން އެ ސޮސައިޓީ އަށް ހަދިޔާކުރީ މި އަހަރުގެ ރޯދަމަހާއި ފިތުރު އީދުގެ އުފަލުގައި ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ ތެރެއިން ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު އާމްދަނީގެ 10 ޕަސެންޓެވެ.
ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވިގޮތުގައި ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ޖަމާއަތަށް އެންމެ ކުރިއްސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުންޏެވެ.
"ވޭތުވި ދިޔަ އަހަރު ތަކުގެ ތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާ އާއި ކުރިއެރުން ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް އެކި ޖަމިއްޔާތަކަށް "ދިރާގު ރޯދަ ޑޭޓާ ބަންޑަލް" ތަކުން ލިބުނު ފައިސާގެ 10 ޕަސެންޓް ހަދިޔާ ކޮށްފަ އެވެ. އެގޮތުން ޓައިނީ ހާޓްސް އާއި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް އެހީ ތެރިކަން ފޯރުކޮށްދިނެވެ.