މި މަހުގެ 23 ގައި ބާއްވާ "އުރީދޫ ކަލާ ރަން" ގެ ޗެރިޓީ ޕާޓްނަރަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް) ހަމަޖައްސައިފި އެވެ.
އުރީދޫން ބުނީ، އެ ޕާޓްނާޝިޕްގެ ދަށުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ތެލެސީމިއާ ސެންޓަރުގައި އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިން ހިންގުމުގެ މަގްސަދަކީ ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދައިގެ މަތިން ލޭ ހަދިޔާ ކުރާ މީހުންގެ ޑާޓާބޭސް އަށް މީހުން އިތުރު ކުރުމެވެ. އަދި ތެލެސީމިއާއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް އުރީދޫން ބުނެ އެވެ.
"ގިނަ ބޭފުޅުންތަކެއްގެ ތަރުހީބާ އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލާ ރަންގެ ޕްލެޓްފޯމް ބޭނުން ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަލާ ރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުޑަ ޓީމަކާ އެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މި އަހަރުގެ ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރަށް ވުމަކީ އުރީދޫއަށް ލިބޭ ފަހުރެއް ކަމަށެވެ.