މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންއޭ) އާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައި، ބޭއްވި ހަރަކާތުގައި ބައިވެރިވެގެން ޖޭއެސްސީން ފިޔަވަޅު އެޅީ ރ. ހުޅުއްދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާއަށެވެ.

ޖޭއެސްސީން ނެރުނު މިއަދު ބަޔާނެއްގައި ވަނީ އެމްޑީއެންއާ ދެކޮޅަށް ބޭއްވި ހަރަކާތުގައި އިސް މެޖިސްޓްރޭޓް މުސްތަފާ ބައިވެރިވިކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށާއި އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމެއް ކަމަށެވެ. އެހެންވެ، އޭނާއާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާ އެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެެއް ފުރިހަމަ ކުރަން އެންގުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ އެކި ހިސާބުގައި އިހްތިޖާޖް ކޮށްފައިވެ އެވެ. އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް ސަރުކާރުން ވަނީ އެ ޖަމްއިއްޔާ އުވާލަން ނިންމައިފަ އެވެ. އެ ރިޕޯޓް ނެރުނު މައްސަލާގައި އެއްވެސް މީހަކަށް މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.