ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށާއި އެފަދަ ލިޔުންތަކަށް އިޖާބަ ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު މިކަން ހާމަކުރެއްވީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް އެ އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
އަޒީޒް ވިދާޅުވީ ރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައި، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތްތައް ކުރަންޖެހެނީ ދިވެހި ބަހުން ކަމަށް ބަޔާންކޮށްފައިވާއިރު، އެއް އޮފީހުން އަނެއް އޮފީހަށް އަދި އާންމު ފަރުދުންނާއި އޮފީސްތަކާ ދެމެދު މުއާމަލާތްތައް ކުރަން ޖެހޭނީ ވެސް ދިވެހި ބަހުން ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ދިވެހި ބަސް ނޭނގޭ މީހުން ފިޔަވައި އެހެން މީހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވާ އީމެއިލް އާއި ލިޔުން ފަދަ ތަކެތި ވެސް ދިވެހި ބަސް ފިޔަވައި އެހެން ބަހަކުން އޮތް ނަމަ އެ އެއްޗެއް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ލިޔުންތަކަށް މީގެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަމަލު ނުކުރާނެ ކަމަށް ވެސް އަޒީޒް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮންމެ މީހެއްގެ ވެސް ހިތުގައި އުފެދޭ ޖަޒުބާތުތައް އެ މީހެއްގެ ހިތަށް ވެރިވަމުން ދާނީ މާދަރީ ބަހުންނެވެ. އަދި އެ މީހަކަށް ކުރާ ހުރިހާ އިހުސާސެއް ވެސް ވެރިވަމުންދާނީ މާދަރީ ބަހުން ކަމަށް ވިދާޅުވި އެވެ.