ރާއްޖެއާ 760 މޭލުން ދަތުރުކުރަމުން ދިޔަ އިންޑޮނޭޝިއާގެ މަސް ބޯޓެއްގައި މާރާމާރީ ހިންގައި އަނިޔާވި ދެ ދެ މީހަކަށް ފަރުވާ ދިނުމަށް، ދިވެހި ސިފައިންގެ އެހީތެރިކަމާ އެކު އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިއަދު ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 7:35 ހާއިރު ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިންޑޮނޭޝިއާގެ ދެ ފިރިހެނުން ކަމަށެވެ. ސިފައިން އެ މީހުން ބަލައި ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެ މަސްބޯޓް ވަނުމުންނެވެ. އެގޮތުން، އައްޑުއާ 50 މޭލަށް ބޯޓު ކައިރިކުރުމުން ޑޮކްޓަރުންގެ ޓީމަކާއި ފުލުހުންނާ އެކު ގޮސް، ޒަހަމްވި ދެ މީހުން ކޯސްޓް ގާޑުގެ ލޯންޗަށް އެރުވީ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަނިޔާވި މީހުން ފަރުވާއަށް ގެންނަން ސިފައިން ކަނޑުމަތީ-- ފޮޓޯ: އެމްއެންޑީއެފް
އަނިޔާވި މީހުން ފަރުވާއަށް ގެންނަން ސިފައިން ކަނޑުމަތީ-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި ދެ މީހުންގެ ބޮލާއި އަތް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ހޮސްޕިޓަލަށް ނުގުޅޭތީ އަނިޔާގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެ ދެ މީހުންނަކީ ރާއްޖޭން ބޭރު ކަނޑުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރު ބޯޓެއްގެ ދެ ފަޅުވެރިންނެވެ. މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.