ފްރާންސުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 53 އަހަރުގެ ޕަކްތެތް އަވަހާރަވެފައި އޮއްވާ ފެނިފައިވަނީ ލަންކާގައި އޭނާ ދިރިއުޅުއްވާ ގެކޮޅުންނެވެ. އޭނާ އަވަހާރަވިކަން އެނގުނީ ދިރިއުޅުއްވާ ކޮޓަރިން މިއަދު ނިކުމެވަޑައިނުގަތުމުން، ބެލި ބެލުމުން ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
ލަންކާ ފުލުހުން ވަނީ އޭނާ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައި މައްސަލަ ތަހުގީގު ކުރަން ނިންމައިފަ އެވެ.
ޕަކްތެތް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަފީރު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި ރާއްޖެއާއެކު އޭނާ ބޭއްވެވި ގާތްގުޅުން އަބަދުވެސް ހަނދާން ކުރައްވާނެ ކަމަށެވެ.
ސަފީރުގެ އާއިލާ އާއި ފްރާންސް އެމްބަސީގެ މުވައްޒަފުންނަށް ޒަމީރު ވަނީ ތައުޒިޔާ ފޮނުއްވަވައިފަ އެވެ.