ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް އެ އިއްތިހާދުގެ އިސް އޮފިޝަލުންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި އީޔޫ ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އީޔޫގެ ޕާލިމަންޓުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
"އެ މަޝްވަރާތައް ކުރިއަށްދާނީ ރާއްޖެ-އީޔޫ ގުޅުން އިތުރަށް ފުޅާކުރުމުގެ އަމާޒުގައި،" އެ ބަޔާނުގައި ބުންޏެވެ.
އެ ބައްދަލުވުންތަކުގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ޒަމީރުގެ މި ދަތުރުފުޅުގައި އީޔޫގެ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ރާއްޖެ ތަމްސީލު ކުރައްވާނެ ކަމަށެވެ.
ޒަމީރު މިއަދު ވަނީ އީޔޫ ޕާލިމަންޓުގެ މެމްބަރު ނިކޮލާ ޕްރޮކަޗީނީ އާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން މިހާރު ނަގަމުންދާ ޑިޔުޓީ ކުޑަކުރުމުގެ އިތުރުން ވިސާ ނުނަގައި ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.