ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފި އެވެ.
ބީއެމްއެލް އިން ފަށާފައިވާ 28 ދުވަހުގެ ޕްރޮގްރާމް "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ބޭންކުގެ 30 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރި އެވެ.
މި ހަރަކާތުގައި ބައިވެރިވި ބީއެމްއެލްގެ މުވައްޒަފުންނަށް ވަނީ، "އަހަރެންގެ ބޭންކް" ގެ ފަރާތުން ހާއްސަ ހަދިޔާއެއް ވެސް ދީފަ އެވެ.
ބީއެމްއެލް އިން މި މަހު ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ބީއެމްއެލްގެ ގިފްޓް ކާޑު ގަންނަން ލިބޭ ތަންތަން އިތުރުކުރުމާއި އެ ބޭންކުގެ 200 ވަނަ ކޭޝް އޭޖެންޓް ހަމަޖެއްސުން ހިމެނެ އެވެ.